ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލަައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި "އައުޓް" ކުރަން ގޮވަނީ ކޮން އެއްޗެއް ކަން ސާފު ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.
އެ ކޮމިޓީގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ މިނިވަން ކަމާއި، އިސްތިގުލާލާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ނުކުރާނެ ކަމަށެވެ.
މިގޮތުން ސަރުކާރުން ކުރާ ކަންކަމަށް ފާޑު ކިޔުމުގެ ހައްގު އެންމެހާ ރައްޔިތުންނަށް ވެސް އޮންނާނެކަން ފާހަގަ ކުރައްވާ އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންޑިއާ އާއި ޖެހިގެން އުޅެނީ ސަރުކާރަށް ފާޑު ކިޔައިގެން ކުރިޔަށް ނުދެވޭތީ ކަމަށެވެ.
އިމްރާން ވިދާޅުވީ މި ކެމްޕެއިނުގައި ބައިވެރިވާ މީހުންނަށް، އެ ކެމްޕެއިނުގައި ގޮވާލެވެނީ ކޮން ކަމަކަށް ކަން ސާފުނުވާ ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ރާއްޖެއަށް ގިނަ ހިދުމަތްތައް ކޮށްދޭ އިންޑިއާގެ މަސައްކަތްތެރީން ތިބި ކަމަށާއި އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
"އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އެ ކެމްޕެއިނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން އެފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ އަމަލުތަކެއް ނޫން ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ މަސްލަހަތާއި ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ފުޅާކޮށް ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.