ވިއްކުމަށް ރާއްޖެއަށް އތެރެ ކުރި ދޫނިތަކެއް ހިފަހައްޓައި އެ ދޫނިތައް މަރާލި މައްސަލައިގައި އެކަން ހިނގި ގޮތުގެ ތަފްސީލް ރިޕޯޓެއް ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފިޝަރީޒް މިނިސްޓްރީއަށް އަންގައިފިއެވެ.
150 އަށް ވުރެ ގިނަ ދޫނި އިއްޔެގެ ވަގުތެއްގައި ފިޝަރީޒް މިނިސްޓްރީން ނައްތާލާފައިވާ އިރު، މީގެ ތެރޭގައި ދޫނި ވިއްކުމުގެ ވިޔަފާރި ކުރާ ޕެޓް މާސްޓާ މޯލްޑިވްސްގެ ޝިޕްމަންޓެއްގެ ގިނަ އަދަދެއްގެ ދޫނި ހިމެނެއެވެ. މި ދޫނިތައް ނައްތާލުމާއެކު މި މައްސަލަ ހޫނު ވެ ވަނީ މަޖިލީހަށް ވެސް މި މައްސަލަ ވައްދާފައެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ މި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ރައީސް އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހަދާ ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ވަނީ ދޫނި ނައްތާލުމުގައި ކަން ކުރި ގޮތުގެ ތަފްސީލް ކިޔައި ދީފައެވެ. އެ ގޮތުން ދޫނި ނައްތާލުމުގެ ކުރިން އެ ނައްތާނުލައި ކަންކުރެވޭނެ ގޮތްތަކެއް ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވި ކަމަށާއި އިމްޕޯޓު ކުރި މީހުން ލައްވާ އެ ދޫނިތައް އަނބުރާ ގެނައި ގައުމަށް ފޮނުވާލުމަށް ވެސް ފުރުސަތު ދިން ކަމަށް ފިޝަރީޒުން ވަނީ ބުނެފައެވެ.
އިމްޕޯޓު ކުރި ފަރާތުން އެ ދޫނިތަކާ ހަވާލު ނުވި ކަމަށާއި އަދި ރާއްޖޭގައި އެ ދޫނިތައް ބައިތިއްބާފައި ހުރި ފެސިލީޓީ ނޫން ތަނެއްގައި ބަހައްޓަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އޭޖީގެ ލަފާ ހޯދައި ދޫނިތައް ނައްތާލީ އެއީ ކުރިންވެސް އެކަން ކުރަމުން އަންނަ ކަމަށް ވާތީ ކަމަށް ފިޝަރީޒުން ބުނެއެވެ.
ދޫނި ނައްތާލި މައްސަލަ ހޫނު ވެ ޕެޓް މާސްޓާ މޯލްޑިވްސް އިސްވެ މިއަދު ހަވީރު ވަނީ ސުލްހަވެރި އިހުތިޖާޖެއް ކުރަން ނިންމާފައެވެ. އެ ފަރާތުގެ ޝަކުވާގެ ތެރޭގައި ކުރިން އެތެރެ ކުރި ދޫނިތަކެއް މިހާރު ހިފެހެއްޓުމަކީ މައްސަލައެކެވެ. އަދި ރާއްޖެ އެތެރެ ކުރުން މަނާ ދޫނީގެ ލިސްޓު ފަހުން މުރާޖައާ ކުރި އިރު އެ ދޫނިތަކަކީ މަނާ ލިސްޓުިގައި ހިމެނޭ ދޫނިތަކެއް ނޫން ކަމަށް ވެސް އެ ފަރާތުން ފާހަގަ ކުރެއެވެ.