ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާފައިވާ އާ ރަންވޭ ނުހުޅުވާ ދިގުލައިގެންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ނިންމައިފިއެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ، އާ ރަންވޭ ހުޅުވުން ލަސްވެ، އާންމުންގެ ޝަކުވާ އިތުރުވެފައި ވާތީ އެ މައްސަލަ ކޮމިޓީން ބެލުން މުހިއްމު ކަމަށެވެ. މިކަމާ ގުޅިގެން ކޮމިޓީން ނިންމީ ވީއައިއޭ ހިންގާ ކުންފުނި، އެމްއޭސީއެލަށް ސިޓީއެއް ފޮނުވައި، ރަންވޭ ހުޅުވުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ.

އާ ރަންވޭގެ މަސައްކަތް ނިންމައިލީ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް 2018 ގައެވެ. 3400 މީޓަރު ދިގު ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރާ އިރު، އާ ރަންވޭ ހުޅުވުން ލަސްވެފައި ވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ޑިލޭ އާއި ސީ ޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ތެރޭގައި އޭރު ޖެހުނު މައްސަލަތަކާ ހެދި ކަމަށް އެމްއޭސީއެލުން މީގެ ކުރިން ވަނީ ބުނެފައެވެ.

އާރަންވޭ މައްސަލަ ހޫނުވެ ގިނަ ބައެއްގެ ފާޑު ކިޔުނ ްސަރުކާރަށް އަމާޒުވުމުން އެމްއޭސީއެލުން މދިދޔަ މަހު ފަހުކޮޅު ބުނީ އާ ރަންވޭ ބޭނުންކުރަން ފަށާނެ ކަމަށެވެ. އެގޮތުން މި މަހު އެއްވަން ދުވަހު އާ ރަންވޭ ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުން ކުރަން ވަނީ ފަށާފައެވެ.

އެމްއޭސީއެލްގެ ޕްލޭނަކީ މި އަހަރުގެ ފަހު ކޮޅު އާ ރަންވޭ ހުޅުވައިލުމެވެ. އޭރުން އާ ރަންވޭގައި ފްލައިޓުތައް ޖައްސަން ފެށުމުން މިހާރު ބޭނުންކުރާ ރަންވޭ، ޓެކްސީވޭއަކަށް ދާއިމަށް ބަދަލުވެގެން ދާނެއެވެ.