ފަނޑިޔާރުންނަށް ވިހެއުމުން ޗުއްޓީ ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން ހާމަ ކުރައްވައިފިއެވެ.

މި ބިލްގެ އިބްތިދާއީ ބަހުުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި މި އިސްލާހަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް މިއީ ކުރިންވެސް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.

އެގޮތުން، މި ވީހާ ދުވަހު ފަނޑިޔާރުންގެ ގާނޫނަށް މި އިސްލާހު ނުގެނައުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައި ވިދާޅުވެ، ޝިޔާމް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށްވެސް ސަރުކާރުން މި ލުއި ދޭން ޖެހޭނެ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ހަމަ އެދެން ހަމަ ވަޒީފާގެ ގާނޫނަށްވެސް މި އިސްލާހު ގެނެސް ގާނޫނަކުން މިހާރުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މި އިނާޔަތް ނުވަތަ މި ލުއި ދިނުމަށް."

ޝިޔާމަށްފަހު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް މި އިސްލާހަށް ތާއީދު ކުރައްވާ ދެއްކެވި ވާހަކައިގައި ވަނީ ރާއްޖޭގައި އެކަށީގެންވާ މިންވަރަށް ގާޒީން ތަމްރީނު ކުރެވިފައި ނެތްކަން ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން، ރާއްޖެއަށް އެކަށީގެންވާ މިންވަރަށް ގާޒީން ތަމްރީނު ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނޫނީ ކޯޓުތަކުން މައްސަލަތައް ބަލައި ނިންމުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގައި ފަނޑިޔާރުން ނުވަތަ ގާޒީން އަދި އެކަށީގެންވާ އަދަދަކަށް ތަމްރީނުކުރެވިފައި ނުވާއިރު، އަދި ބޭނުންވާ މިންވަރަށް ހުރިހާ ތަނެއްގައި މީހުން ނެތްއިރު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން މިހާރު މި ލިބޭ ފުރުސަތުތަކާ އެކީގަ، އިތުރު މީހުންގެ ނުވަތަ ގާޒީންގެ އިތުރު އަދަދުތަކެއް ނުވަތަ މީހުން ގިނަކުރަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެން ނޫނީ ވިއްޔާ އަނެއްކާވެސް ކޯޓުތަކުގައި ނުވަތަ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުންނަ މައްސަލަތައް އިތުރަށް ލަސްވެ، އަދި އިންސާފު ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް."

އެހެންވެ، ވިހެއުމުން ފަނޑިޔާރުންނަށް ޗުއްޓީ ދިނުމަށް ގެންނަ އިސްލާހު އެކުލަވާލާއިރު، ކޯޓުތަކުން ދެވޭ ހިދުމަތްތައް އަވަސްކުރުމަށް ގޮތްތަކެއް ރާވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.