ކަރަންޓުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ސްޓެލްކޯގެ ބޯޑުގެ ކުރީގެ ޗެއާމަން މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވާދެއްވައިފިއެވެ.

ޗެއާމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ

ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހު ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވާ ތަރައްގީކުރުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.

ހިދުމަތުގެ ދާއިރާގައި ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވާ ފަރުވާތެރިކަމާއެކު ހިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައި ކަމަށާއި ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމަށް ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ލިޔުއްވި ބަޔާނުގައި ވަނީ ޗެއާމަން ރަޝީދަކީ، މަދުރަސީ ދައުރު ނިމުނީއްސުރެ، ނިޔާވަންދެން، ހަކަތައިގެ ސިނާއަތުގައި ދެމިހުންނެވި، ގައުމީ ހިދުމަތްތެރިއެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ރަޝީދަކީ، އެކުގައި މަސައްކަތް ކުރަން ފަސޭހަ ތަޖުރިބާހުރި، އަހުލާގު ރަނގަޅު ހީވާގި ބޭފުޅެއް ކަން ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ޗެއާމަން ރަޝީދު ނިޔާވުމަކީ، ސްޓެލްކޯއަށާއި، ކަރަންޓުގެ މުޅި ސިނާއަތަށް އަދި މުޅި ގައުމަށްވެސް ލިބުނު ގެއްލުމެއް ކަމަށް މުޣުނީގެ ބަޔާނުގައި ވަނީ ލިޔުއްވާފައެވެ.

ޗެއާމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ބޯޑް މެންބަރުންނާއި، ކުންފުނީގެ އިސްވެރިންގެ އިތުރުން ޗެއާމަން ރަޝީދުގެ އާއިލާގެ މީހުން ވަނީ ބައިވެރިވެފައެވެ.

ޗެއާމަން ނިޔާވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހުއެވެ.

ޗެއާރމަން ރަޝީދު ސްޓެލްކޯ ހިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓާ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، މިކުންފުނީގެ ސީއީއޯ ގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ.

ސްޓެލްކޯގެ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަން ކުރެއްވީ ފެބްރުއަރީ 12، 2019 ގައެވެ. ރަޝީދު ނިޔާވުމާ ހަމަޔަށްވެސް ހުންނެވީ އެކުންފުނީގެ ބޮޑުގެ ޗެއާމަން ކަމުގެ މަގާމުގައެވެ.

ޗެއާމަން ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއެ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހާއި ހަމަޔަށް، ރަސްމީ ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ސްޓެލްކޯއަށް އައިސް ސޮއި ކުރުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.