މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ލަންކާގެ ދެހިވަލަ ރެއިލްވޭ ދަނގަޑާ ދިމާ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު ދިވެއްސެއް ކަމަށް ވާ އުމުރުން 24 އަހަރުގެ ދ. މީދޫއަށް އުފަން އަފްހާމް ނަސީރުގެ މަރުގެ މައްސަލަަގައި ދިވެހި ފުލުހުން ބައިވެރިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސްފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަފްހާމްގެ މަރުގެ މައްސަލައިގެ ތަހުގީގު ލަންކާ ފުލުހުން މިހާރު ކުރިއަށް ގެންދާ އިރު، ކޮލަމްބޯ އަށް ދިޔަ ދިވެހި ފުލުހުންގެ ޓީމްގެ ހަމައެކަނި މަސައްކަތަކަށް ވާނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ލަންކާ ފުލުހުންނާ ގުޅިގެން އޮޅުން ފިލުވުން ކަމަށެވެ.

މީގެ އިތުރުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށް ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އަފްހާމްގެ މަރުގެ މައްސަލާގައި ލަންކާ ފުލުހުންގެ އިދާރާއާ ގުޅިގެން ދިވެހި ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރަކާއި އިންވެސްޓިގޭޓަރެއް އިއްޔެ ސްރީލަންކާގެ ކޮލަމްބޯއަށް ވަނީ ގޮސްފައި ކަމަށް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން އަފްހާމްގެ އާއިލާއާ ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން ދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އަފްހާމް އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 11 ޖަހާކަސް ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހުންނަ ގޭގައި އެކުގައި ދިރިއުޅޭ މީހާ ގާތު އެބަ އަންނަމޭ ބުނެ ރޭގަނޑު 11 ޖެހި އިރު ގެއިން ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށާއި، ނަމަވެސް އޭގެ ފަހުން މެންދަމު 1 ޖެހިއިރު ރައްޓެއްސަކަށް ގުޅައިގެން ފޯނުން ވާހަކަ ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެއަށްފަހު އަފްހާމް ގެއްލިގެން ހޯދަން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ފޮރިން މިނިސްޓްރީގެ އިތުރުން ފުލުހުން މަސައްކަތް ކުރިއެވެ. އެއަށްފަހު އެރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ދެހިވެލަ ރެއިލްވޭ ދަނގަޑާ ދިމާ ގޮނޑުދޮށުންނެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމް ހުރިކަމުގެ މައުލޫމާތު ލިބޭ އިރު، އެއީ އަފްހާމްކަން ލަންކާގެ ޕޮލިހުން ޔަގީންކޮށްފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދިވެހި ފުލުހުން ލަންކާއަށް ފުރި އިރު އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ.