އައްޑޫ ހިތަދޫގެ ސްޓޭޑިއަމް ބިއްދޮށުގައި އޮންނަ މާކިޅީގައި ވަރަށް ބޮޑަށް ރޯވެ، އަނދައިފިއެވެ.

އެ އަލިފާންގަނޑު ރޯވެފައިވަނީ އިއްޔެ ހަވީރު 4:20 ހާއިރެވެ. މާކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވަމުން ދިޔައިރު، ހިތަދޫން ކަރަންޓުވެސް ކެނޑިފައިވެއެވެ.

ހިތަދޫގެ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ އިތުރުން، އައްޑޫ ގަން އެއާޕޯޓުގެ ފަޔާ އަދި ގުޅިފައިވާ އަވަށްތަކުގެ ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މާކިޅީގެ ބޮޑު ސަރަހައްދަކަށް ފެތުރުނު އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލެވުނީ ފަތިހު 4:00 ހާއިރު، އަލިފާންގަނޑު ރޯވިތާ 12 ގަޑިއިރު ފަހުންނެވެ. އަަލިފާން ނިއްވާލެވުނު ނަމަވެސް، އެ ސަރަހައްދުގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު "ދަ ޕްރެސް" އަށް ވިދާޅުވީ، ރޭ ރޯވި އަލިފާންގަނޑުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި، ނަމަވެސް މާކިޅިއަށް ލިބުނު ގެއްލުން އަންދާޒާ ކުރެވޭނީ އެސެސްމެންޓުތަކެއް ހެދުމަށް ފަހުގައި ކަމަށެވެ. އަދި އެ ހާދިސާ އާއި ހިތަދޫން ކަރަންޓު ދިއުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިހާރު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ކަރަންޓު ލިބެމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.