މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ލަންކާގެ ދެހިވަލަ ރެއިލްވޭ ދަނގަޑާ ދިމާ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު ދިވެއްސެއް ކަމަށް ވާ އުމުރުން 24 އަހަރުގެ ދ. މީދޫއަށް އުފަން އަފްހާމް ނަސީރުގެ މަރުގެ މައްސަލަައާ ގުޅިގެން ދިވެހި ދެ ފުލުހަކު ލަންކާއަށް މިއަދު ހިނގައްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ލަންކާގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރު، އަފްހާމްގެ މަރުގެ މައްސަލާގައި ލަންކާ ފުލުހުންގެ އިދާރާއާ ގުޅިގެން ދިވެހި ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރަކާއި އިންވެސްޓިގޭޓަރެއް މިއަދު ސްރީލަންކާގެ ކޮލަމްބޯއަށް ވަނީ ގޮސްފައި ކަމަށް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން އަފްހާމްގެ އާއިލާއާ ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން ދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އަފްހާމް އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 11 ޖަހާކަސް ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހުންނަ ގޭގައި އެކުގައި ދިރިއުޅޭ މީހާ ގާތު އެބަ އަންނަމޭ ބުނެ ރޭގަނޑު 11 ޖެހި އިރު ގެއިން ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށާއި، ނަމަވެސް އޭގެ ފަހުން މެންދަމު 1 ޖެހިއިރު ރައްޓެއްސަކަށް ގުޅައިގެން ފޯނުން ވާހަކަ ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެއަށްފަހު އަފްހާމް ގެއްލިގެން ހޯދަން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ފޮރިން މިނިސްޓްރީގެ އިތުރުން ފުލުހުން މަސައްކަތް ކުރިއެވެ. އެއަށްފަހު އެރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ދެހިވެލަ ރެއިލްވޭ ދަނގަޑާ ދިމާ ގޮނޑުދޮށުންނެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމް ހުރިކަމުގެ މައުލޫމާތު ލިބޭ އިރު، އެއީ އަފްހާމްކަން ލަންކާގެ ޕޮލިހުން ޔަގީންކޮށްފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދިވެހި ފުލުހުން ލަންކާއަށް ފުރި އިރު އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވަނީ އިއްޔެ ހަދާފައެވެ.