ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގެ ޝަރީއަތްތައް ލަސްވަމުން ދާތީ މި ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އައްބާސް ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހުގެ ހަމަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް މިހާރު ލަސްވުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެމީހުންނަށް ދައުވާ ކުރިތާ މަސްތަކެއް ފާއިތުވެގެން ގޮސްފައި ވާކަން ފާހަގަ ކުރައްވާ އައްބާސް ވަނީ އެހެން ނަމަވެސް އޭގެތެރެއިން މިހާތަނަށް ފެށިފައި ވަނީ އެންމެ މީހެއްގެ ޝަރީއަތްކަން ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި ހުކުމް ކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދަށް އެކަންޏެވެ. އަދުހަމްގެ މައްޗަށް 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ.

މި ހަމަލާ އާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، 6 މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މިގޮތުން ދައުލަތުން ދައުވާ ކުރީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އިއުތިރާފު ވި ވ. ތިނަދޫ ހިޔާ، އަދުހަމް ރަޝީދާއި އެކަމުގައި އެކި ގޮޮތްގޮތުން ބައިވެރި ވި ކަމަށް ތުހުމަތު ކުރެވޭ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.