ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރުމަށް ނިންމެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރާނެ ކަމުގެ އިޝާރާތެއް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްވައިފިއެވެ.
ފަނޑިޔާރުން ވިހެއުމުން ޗުއްޓީ ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި އާޒިމް ވިދާޅުވީ، ފަނޑިޔާރުގެތަކާއި ކޯޓުތަކުން ކަންކަން ކުރާ ގޮތާ މެދު އަބަދުވެސް ސުވާލު އުފައްދަން ޖެހޭ ކަމަށާއި، ބައެއް ފަނޑިޔާރުންގެ އަމަލުތަކާ މެދު އާންމުން ހިތްހަމަ ނުޖެހޭ ކަމަށެވެ.
އެގޮތުން، ޔާމީން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ ނިންމުމަކީ "އަޖައިބުވާ ކަހަލަ" ނިންމުމެއް ކަމަށެވެ.
އެފަދަ ކަންކަމާ މެދު ސުޕްރީމް ކޯޓުން ހުކުމް ކުރައްވާއިރު، ދައުލަތުގެ އެތައް ފައިސާއެއް ނަގާފައި ހުރި ބައެއް މީހުން މިނިވަން ކުރުމަށް ހުކުމް ކުރެއްވުމުގެ ކުރިން ވިސްނަވަން ޖެހޭ ކަމަށާއި، އެފަދަ ބައެއް ދޫކޮށްލަން ޖެހޭ ކަމާ މެދުވެސް އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.
އެހެންވެ، އާޒިމް ވަނީ ސުޕްރީމް ކޯޓުގެ އެ ފަނޑިޔާރުންނާއި، މުއައްސަސާތަކުގެ ވެރިން ބަދަލު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
އާޒިމް ވިދާޅުވި ގޮތުގައި ދައުލަތުން އެތައް ފައިސާއެއް ނަގާފައި ތިބި މީހުންނާ މެދު މިގޮތަށް ކަންކަން ކުރާ ކަމަށް ވަންޏާ މިއީ ރައްޔިތުންގެ އިތުބާރު ގެއްލުވާލުން ކަހަލަ ކަމެއް ކަމަށާއި، މިފަދަ މީހުން ދޫކޮށްލާފައި ތިބުން ރައްޔިތުން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށެވެ
އާރަށުގެ ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ ނޮވެމްބަރު 28، 2019 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.
މިނިވަންވެ ވަޑައިގަތުމަށް ފަހު، އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ޒިންމާ ނެންގެވުމަށް ފަހު، ޔާމީން ދަނީ ރަށްރަށަށް ވަޑައިގެން އެ ހަރަކާތް ފުޅާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެ ހަރަކާތަށް ސަރުކާރުގެ އިސްވެރިންނާއި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.