އިންޑިއާ ވިޔަފާރިވެރިންނަށް ވިސާ ނެތި ރާއްޖެ އާދެވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ވިސާއާ ނުލާ ވިޔަފާރީގެ ބޭނުމަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެގޮތަށް ރާއްޖެ އެތެރެވާ އިންޑިއާ ރައްޔިތުންނަށް ރާއްޖޭގައި ގިނަ ވެގެން 90 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ ކަމަށެވެ.

މިއީ ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ޑިސެމްބަރު 17، 2018 ގައި ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުން ދިން ހުއްދައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ އެއްބަސްވުމުގެ ދަށުން ބިޒްނަސް ވިސާގައި ހަ މަސް ދުވަސް ވަންދެން އިންޑިއާ ރައްޔިތުންނަށް ވިޔަފާރީގެ ބޭނުމަށްޓަކައި ރާއްޖެއަށް ދަތުރުކޮށް 90 ދުވަސް ވަންދެން މަޑުކުރެވޭނެއެވެ. އަދި ބިޒްނަސް ވިސާއެއް އޮންނަ މީހުން ވިސާ އާ ކުރަން ޖެހޭނީ ކޮންމެ 180 ދުވަހަކުން ކަމަށްވާއިރު މިއީ ވިސާ އާއި ނުލައި މަޑުކުރެވޭ 90 ދުވަހުގެ މުއްދަތުގެ އިތުރުން ގުނާ މުއްދަތު ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ ބިޒްނަސް ވީސާ ހެއްދުމަށް، ވިސާއާ ނުލާ އާދެވުމަށް އޮންނަ މުއްދަތް ހަމަވުމުގެ ކުރިން މި ލިންކް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.