އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ބުރިވި މައްސަލަ އެއް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ އަންހެން މީހާ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެރޭ އެ އަންހެން މީހާ ސިޒޭރިއަން ހެދިއެވެ. އަދި ސިޒޭރިއަން އަށް ފަހުން ތިން ދުވަސް ވީއިރު ވެސް ބޮޑުކަމު ނުދެވި، ނޭވާލާން އުނދަގޫވާ ކަމަށް ނަރުހުން ގާތު ބުނުމުން އެންގީ އެއީ ގޭސްޓްރިކް ވެގެން ވާގޮތެއް ކަމަށެވެ.
ނަމަވެސް އޮޕަރޭޝަން ކުރިތާ ހަތަރު ވަނައަށް ވީ ދުވަހު ފާހާނާގައި އުޅެނިކޮށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިގަނެގެން ސީޓީ ސްކޭނެއް ހެދުމަށް ފަހު ހޮސްޕިޓަލުން ވަނީ އޭނާގެ ގޮހޮރު ކައިރީ ބްލޮކެއް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ގޮހޮރު ސާފުކޮށްލީމައި ރަނގަޅު ވަނޭ ކަމަށާއި އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިދިޔަ ހޯމަ ދުވަހު އެ އަންހެން މީހާ މާލެ ގެންގޮސް އޭޑީކޭ އަށް ދެއްކުމުން ގޮހޮރުގައި އިންފެކްޝަން އުފެދިފައި ވާތީ ސާޖަރީއެއް ކުރަންޖެހޭ ކަމަށް އޭޑީކޭން ވަނީ އަންގާފައެވެ. އަދި އެ ސާޖަރީން އަންހެން މީހާގެ ގޮހޮރު އެއްކޮށް ބުރި ނުވެ އޮތީ ކިރިޔާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެމައްސަލަ އާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށެވެ. އަދި ހެލްތް މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމް ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލު ކޮށްފައިވާ ފަރާތް ކަމަށް ވުމާއެކު އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެން މީހާއަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް މިނިސްޓްރީން ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލު ތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު ތައް އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އާއިލާ އާ ހަމާލަދީ ބައެއް މީޑިއާތަކުން ބުނީ އޭޑީކޭގައި ކުރި ސާޖާރީގައި ގޮހޮރުން ބޮޑު ތަނެއް ބުރިކޮށް، ހޮޅި ލައްވާފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ސީރިއަސް ކަމަށާއި އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ.