84 ގައުމުގެ ބައިވެރިވުމާއެކު 2022 ވިންޓާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް، ޗައިނާގެ ވެރިރަށް ބެއިޖީންގްގައި ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން، ކުޅިވަރުގެ މައިދާނުގައި އެންމެ ފާހަގަކޮށްލެވޭ ޝަހްސުން، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަސް ހޭދަ ކުރާނީ ބެއިޖީންގްގެ ސްނޯގެ މައިދާންތަކުގައެވެ. ނަމަވެސް، ފާހަގަ ކުރަން ޖެހޭ ކަމަކީ، ބެއިޖީންގްއިން ފެނިގެންދާ ސްނޯއަކީ ހަގީގީ ސްނޯއަށް ނުވާ ކަމެވެ.

ސީއެންއެންއިން ރިޕޯޓް ކުރާ ގޮތުގައި ބެއިޖީންގް ގޭމްސްއަކީ، 100 ޕަސެންޓްގ މަސްނޫއީ ސްނޯ ބޭނުންކޮށްގެން މިހާތަނަށް ކުރިއަށް ގެންދާ ފުރަތަމަ ވިންޓާ އޮލިމްޕިކްސްއެވެ.

ބެއިޖީންގްއަކީ ފިނި މޫސުމުގައިވެސް ހިސާބަކަށް ހަނަފަސްކަން ކުރިމަތިވާ ގައުމެކެވެ. ޑިސެމްބަރުން ފެށިގެން ފެބުރިއަރީގެ ނިޔަލަށް އެކު ޖުމަލަ ފައިބަނީ 0.4 އިންޗީގެ ސްނޯއެވެ. ދާއިމީ ގޮތެއްގައި ސްނޯ ފައިބަން ބޭނުންވާ ވައިގެ ތެތްކަމެއް، ޗައިނާ އޮންނަ ސަރަހައްދުގައި ނުހުރެއެވެ.

ނަމަވެސް، ފިނި މޫސުމުގެ މަންޒަރު ފުރިހަމަ ކުރުމަށް ބެއިޖީންގް އޯގަނައިޒިންގް ކޮމިޓީއިން ބަރޯސާވީ މަސްނޫއީ ސްނޯއަށެވެ. ސްނޯ އުފެއްދުމަށް 100 ޖަނަރޭޓަރު ބެހެއްޓިއެވެ. އަދި ސްނޯ އުފައްދާ 300 ބަޑިވެސް އެ ސަރަހައްދުގައި ބަހައްޓާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބެއިޖީންގް ވިންޓާ އޮލިމްޕިކްސް 2022 ގައި ޗައިނާއިން ބޭނުން ކުރަމުން ދަނީ 100 ޕަސެންޓް ފޭކު ސްނޯ / ފޮޓޯ: ބްލޭޒް ޓްރެންޑްސް

މަސްނޫއީ ސްނޯއަކީ، ގުދުރަތީ ސްނޯއާ ވީހާވެސް އެއްގޮތް އެއްޗަކަށް ހެދުމަށް ގިނަ އަދަދަކަށް ފެނާއި ހަކަތަވެސް ބޭނުންވާނެއެވެ. ސްނޯ އުފައްދަން ޗައިނާއިން ވަނީ އިޓަލީވިލާތުންވެސް މެޝިނެއް ގެންގޮސްފައި ކަމަށް ހަބަރު ލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަސްނޫއީ ސްނޯ އުފެއްދުމަށް 49 މިލިއަން ގެލަންގެ ފެން ބޭނުންވެއެވެ. މީގެ ކުރިން، އިޓަލީވިލާތުންވެސް ކޮންމެވެސް ވަރަކަށް މަސްނޫއީ ސްނޯ، އޮލިމްޕިކްސްގައި ބޭނުން ކުރި ކަމަށް ހަބަރު ލިބެއެވެ.