ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ޑީއެންއޭ ވެކްސިން ޖަހަން ފެށި ފުރަތަމަ ގައުމަކަށް، އަވަށްޓެރި އިންޑިއާ ވެއްޖެއެވެ.
އިންޑިއާއިން ކޮވިޑް-19 ޑީއެންއޭ ވެކްސިން ޖަހަން ފަށާފައި ވަނީ ހޮނިހިރު ދުވަހުއެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އެ ގައުމުން ކޮވިޑް ކޭސްތައް ރަނގަޅުވާ ރޭޓު ވަނީ 95.64 ޕަސެންޓަށް އިތުރު ވެފައެވެ.
ޒައިޑަސް ކެޑިލާގެ ޑީއެންއޭ ވެކްސިނަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އެމާޖެންސީ އޮތޯރައިޒޭޝަން ދިނީ މި އަހަރުގެ ކުރީކޮޅުގައެވެ. އެއީ 3 ވަނަ މަރުހަލާގެ ކުލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާއަށް ބެލުމަށް ފަހުގައެވެ. އެ ނަތީޖާތަކަށް ބަލާއިރު ޒައިޑަސް ކެޑީލާގެ ޑީއެންއޭ ވެކްސިންގެ އެފިކަސީ ރޭޓް އުޅެނީ 66 ޕަސެންޓްގައެވެ.
ޒައިކޮވް-ޑީއަކީ ކޮވިޑުން ދިފާއުވުމަށް ދުނިޔޭގައި ތަރައްގީ ފުރަތަމަ ޑީއެންއޭ ވެކްސިންއެވެ. މި ވެކްސިން އުފައްދާފައި ވަނީ އަހުމަދުއާބާދުގައި ގާއިމުވެގެން ހިންގާ ޒައިޑަސް ކެޑީލާއިންނެވެ.
އިންޑިއާގެ ޑްރަންގް ކޮންޓްރޯލާ ޖެނެރަލް ވަނީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޒައިކޮވް-ޑީ ޖަހަން ހުއްދަ ދީފައެވެ. ކޮވިޑުން ދިފާއުވުމަށް މިހާރު އާންމުކޮށް ޖަހަމުން އަންނަ 2 ޑޯޒްއާއި 1 ޑޯޒްގެ ވެކްސިނާއި ހިލާފަށް، ޒައިކޮވް-ޑީ އަކީ 3 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނެކެވެ. ޒައިކޮވް-ޑީގެ ޑޯޒްތައް ފުރިހަމަ ކުރަނީ ފުރަތަމަ ޑޯޒް ޖަހާތާ 28 ދުވަހާއި 56 ދުވަހާ ދެމެދު މުއްދަތެއްގެ ތެރޭގައެވެ.
މިއީ މުޅި ދުނިޔޭގައިވެސް އުފެއްދި ފުރަތަމަ ޕްލަސްމިޑް ޑީއެންއޭ ވެކްސިންއެވެ. މި ބާވަތުގެ ވެކްސިނަކީ، އާންމުކޮށް ބޭނުން ކުރާ ވެކްސިންތަކަށް ވުރެ ވަރުގަދަ ދިފާއެއް އުފައްދަނިވި ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކެޑީލާ ހެލްތުކެއާގެ ކޮވިޑް ވެކްސިނަކީ، އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރާ ފުރަތަމަ ޑީއެންއޭ ވެކްސިންވެސްމެއެވެ.
އިންޑިއާގެ ސިވިލް ސާޖަން ޑރ ވިބްހާ ސިންހް ވިދާޅުވާ ގޮތުގައި ޒައިކޮވް-ޑީއަކީ އިންޖެކްޝަން ކަށި ދެކެ ބިރު ގަންނަ މީހުންނަށް ރަނގަޅު ވެކްސިނެކެވެ.
އިންޑިއާގެ 3 މަރުކަޒެއްގައި ޒައިކޮވް-ޑީ ކޮވިޑް ވެކްސިން ޖަހަމުން ދާ ކަމަށް ހަބަރު ލިބެއެވެ.