މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި މާލޭގައި ވޯޓުލުން ކުރިޔަށްދާ އިސްކަންދަރު ސްކޫލުގެ ވޯޓު ލާ މަރުކަޒު ކުރިމަތީގައި އެމްޑީޕީން ޖަގަހައެއް ހިންގާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ވެސް އެ ޕާޓީގެ ޖަގަހައެއް އެމްޑީޕީ ޖަގަހަ ހުރި އިމާރާތުގައި ހަދައިފިއެވެ.

ޕީޕީއެމް އިން ބުނީ، އެ ޕާޓީގެ ޖަގަހައެއް ހުޅުވީ މއ. ސެމީ ޑީލް ގެ ދެވަނަ ބުރީގައި ކަމަށެވެ. ޕީޕީއެމުން އެ ޖަހަގަ ހުޅުވީ އެމްޑީޕީން އެ އިމާރާތުގެ ފުރަތަމަ ބުރީގައި ޖަގަހަ ހުޅުވާފައިވާތީ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އެ ޖަގައިން އިންތިހާބުގައި ވޯޓުލުމާ ގުޅުން ހުރި ކަންކަން ޕީޕީއެމްގެ އެ ޖަގަހައިން ކުރެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ޕީޕީއެމުން މިހެން ބުނި ކަމުގައި ވިޔަސް މިއަދު އެ ޕާޓީން އީސީއަށް ދެ މައްސަލައެއް ހުށަހަޅާފައި ވާއިރު އެ މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީން ޖަގަހަ ހިންގަމުން އަންނަނީ މއ. އޮނިކްސް ނަމަކަށް ކިޔާ އިމާރާތެއްގައި ކަމަށެވެ. ހަމައެއާއެކު އެ ޖަގަހައިގައި އެމްޑީޕީން ފައިސާ ބަހައި ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ޕީޕީއެމުން ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

ބައި އިލެކްޝަން އިންތިހާބު ފެށިގެން ކުރިއަށް ދާ އިރު، އެއް ޕާޓީން އަނެއް ޕާޓީއަށް އަންނަނީ އިންތިހަބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ތުހުމަތުތައް ކުރަމުންނެވެ. މި ތުހުމަތުތަކާ ގުޅިގެން ސީދާ ފާޅުކަން ބިޑުގޮތެއްގައި ޕީޕީއެމުން އަޑު އުފުލަމުން އައި ނަމަވެސް އެމްޑީޕީން ސީދާ ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އަދި މި ކަމާ ގުޅިގެން އީސީން ވެސް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މިއަދު ހެނދުނު 8 ޖެހީއްސުރެ ފެށިގެން ފޯރީގައި ބައި އިލެކްޝަން އިންތިހާބު ކުރިއަށް ދާއިރު، މި އިންތިހާބުގައި ވާދަ ކުރާ ތިން ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ވޯޓުލާ ސަރަހައްދުގައި އެބަ ހަރަކާތްތެރިވެއެވެ.

މިއަދު ހެނދުނު ފެށި ވޯޓްގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، މެންދުރުފަހު 2 ޖެހުމާ ހަމައަށް މި އިންތިހާބަށް ވޯޓު ލާން ޝަރުތު ހަމަވާ 67.7 ޕަސެންޓް މީހުން ވޯޓުލާ ނިމިފައިވާ ކަމަށް އީސީން ބުނެއެވެ.