ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް 10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
އެ އަތޮޅުތަކަކީ ހއ، ހދ، ށ، ރ، މ، ފ، ތ، ލ، ގއ، އަދި ގދ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ކޮވިޑް-19 ގެ އާ ވޭރިއަންޓް ކަމަށް ވާ އޮމިކްރޯން ވޭރިއަންޓް އުފެދުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ޓްރެވަލް ރެސްޓްރިކްޝަންތައް އިތުރު ކުރުމާއެކު، 10 އަތޮޅެއްގައި ރިސޯޓް ތަރައްގީ ކުރުމަށް، އިތުރު މައުލޫމާތު ހޯދުމަށާއި ބީލަމުގެ ލިޔުންތައް ގަތުމަށް ކަނޑަ އެޅި އެންމެ ފަހު ތާރީހު އަންނަ މާޗް މަހުގެ 17 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފު ކުރުމަށާއި ބީލަން ހުށަހަޅާ ފޯމް ގަތުމަށް އެދި އެ މިނިސްތްރީ އަށާއި އެ މިނިސްޓްރީގެ އީމެއިލްއަށް ހުށަހެޅޭނެއެވެ. އެ ގޮތުން އަންނަ މާޗް 17 ވަނަ ދުވަހުގެ ކުރިން، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާ ދެމެދު ބީލަން ފޯމް ގަތުމަށާއި މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކޮށް ހުށަހެޅޭނެއެވެ.
ބީލަން ހުށަހަޅަން ދީފައިވާ ސުންގަޑިތައް:
- ހއ، ހދ، ށ އަދި ރ އަތޮޅުގެ ރަށްތަކަށް - 22 މާޗްގެ 10:00 ގެ ކުރިން
- މ، ފ، ތ އަތޮޅުގެ ރަށްތަކަށް - 22 މާޗްގެ 13:00 ގެ ކުރިން
- ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކަށް - 23 މާޗްގެ 10:00 ގެ ކުރިން
ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ބީލަމުގެ އުސޫލުމް ތަރައްގީކޮށް ހިންގަން ހުޅުވާލި ރަށްތައް:
- ހއ. މެދަފުށި؛ 10.90 ހެކްޓަރު
- ހއ. އަލިދުއްފަރުފިނޮޅު؛ 3 ހެކްޓަރު
- ހދ. ކުޑަފަރުފަސްގަނޑު؛ 1.20 ހެކްޓަރު
- ށ. ކުޑަޅައިމެންދޫ؛ 14.70 ހެކްޓަރު
- ރ. އެއްތިގިލި، އަލިފުށި ފަޅުން 10 ހެކްޓަރު؛ 20 ހެކްޓަރު
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު؛ 4.28 ހެކްޓަރު
- މ. މާއުސްފުށި؛ 10.40 ހެކްޓަރު
- ފ. އެނބުލުފުށި؛ 1.00 ހެކްޓަރު
- ފ. ޖިންނަތުގައު؛ 0.89 ހެކްޓަރު
- ތ. ކާއްޑޫ؛ 3.9 ހެކްޓަރު
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު؛ 3.54 ހެކްޓަރު
- ލ. ކަށިދޫ - 3.1 ހެކްޓަރު
- ލ. ބޮޑުމުންޏަފުށި؛ 3 ހެކްޓަރު
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ؛ 4.44 ހެކްޓަރު
- ގއ. މާރެހާ؛ 17 ހެކްޓަރު
- ގއ. ފުނަދޫވިލިގިއްލާ؛ 5 ހެކްޓަރު
- ގދ. ކަނޑަހަލަގަލާ؛ 7.4 ހެކްޓަރު
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ؛ 9.26 ހެކްޓަރު
މި ބީލަމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ސަރުކާރުން ވަނީ 10 އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައި އެ ރަށްތައް ވިއްކަން ބޮޑު ހަރަދު ކޮށްގެން ދުބާއީގައި ބޮޑު ޝޯއެއްވެސް ބާއްވާފައެވެ. ނަމަވެސް އެޝޯގައި އެތަނުން އެންމެ ރަށެއްވެސް ވިކިފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެއެވެ.