އުރީދޫގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އެކުްނފުނީގެ ބޯޑުން ހުށަހަޅައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި އެގޮތަށް ނިންމާފައި ވާއިރު ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގައި ކަމަށް އެކުންފުނިން ބުނެއެވެ.

އދި ހިއްސާއަކަށް ބަހަން ނިންމި އަދަދު ފާސްކުރުން އޮންނާނީ އަންނަ މަހު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅައިގެން ހިއްސާދަރުންގެ ވޯޓުންނެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ މި މަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ކަން ހާމަ ކޮށްފައި ވާއިރު، އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހު އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މި މަހުގެ 20 ކުރިން އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ އާންމު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އަމިއްލަ ގޮތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެއެވެ.

އުރީދޫގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާން ހުށަހަޅާ އަދަދުގެ އިތުރުން ކުންފުނީގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފައެވެ.