ރާއްޖެއާއި ބޭރުގެ ގިނަ ބައެއް ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އުމުރުން ދުވަސްވީ ދެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ހަވަނަ ދުވަހު ހައްޔަރުކުރި ދެ މީހުންނަކީ:
މުހައްމަދު ވަހީދު، 65 އަހަރު / ހ. ސީސްޕީޑްމޫސާ ފަތުހީ، 55 އަހަރު / ރޯޝަނީމާގެ / އައްޑޫ ހިތަދޫއެ މައްސަލާގައި އެ ދެ މީހުން ހައްޔަރުކޮށް، އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ ބަންދެއް ޖަހާފައެވެ. މިއަދު އެ ދެ މީހުންގެ ބަންދުގެ އިތުރުކޮށްފައި ވަނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައި ހުރުމުންނެވެ.
ހަމަ އެއާއެކު އެ މައްސަލާގައި އަނިޔާ ލިބުނު މީހުން ދައުލަތުގެ ހިމާޔަތުގައި ތިއްބައި، އެ މީހުންނާ މުއާމަލާތުކުރަން އެ ދެ މީހުން މަސައްކަތް ކުރި ކަމަށް ބެލެވޭ ހެކި މީގެ ކުރިން ކޯޓަށް ހުށަހަޅާފައިވެއެވެ.
މި ދެ މީހުންގެ ބަންދު އިތުރުކޮށް، އިސް ގާޒީ އަހުމަދު ޝަކީލް ނެރުއްވި އަމުރުގައި އަންގަވާފައިވަނީ، ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ އެ ދެ މީހުންގެ ސިއްހަތަށް ބެލުމަށްފަހު ބަންދުގައި ބެހެއްޓުމަށާއި، ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށެވެ
ވަހީދު މީގެ ކުރިން ކޯޓުގައި ބުނީ، އޭނާއަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ތިންވަނަ ފަރާތަކާ އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށާއި، އޭނާގެ ފަރާތުން ބިދޭސީން ގެނެސްފައިވާ ޕޯޓަލް ބަލަހައްޓަމުން ގެންދިޔައީ އެހެން ފަރާތަކުން ކަމަށެވެ.
ނަމަވެސް ހިއުމަން ޓްރެފިކިން މައްސަލާގައި މީގެ ކުރިންވެސް ވަހީދު ހައްޔަރު ކޮށްފައި ވާއިރު، އޭނާގެ ފަރާތުން ޝިކާރައަކަށް ވީ މީހާއަށް ބިރުދައްކަން އަދިވެސް އޭނާ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
އެ މައްސަލާގައި ހިމެނޭ ފަތުހީގެ މައްޗަށް ތުހުމަތު ވަނީ، ވަހީދު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން ކަމަށް ފަތުހީގެ ދިފާއުން އޭރު ބުނެފައިވާއިރު، ގާޒީ ވިދާޅުވީ، އެ ދެމީހުންގެ ބަންދު އިތުރުކޮށްފައިވަނީ އެ ދެ މީހުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައަކަށް ވެފައި ވާއިރު، ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި ރާއްޖެ ވަނީ ހިމެނިފައެވެ. އެގޮތުން ވަޒީފާގެ ނަމުގައި އަދިވެސް ގިނަ ބަޔަކު އޮޅުވާލައިގެން ރާއްޖެއަށް ގެނައުންވެސް ހިމެނެއެވެ.