އެރި އޮޅުމެއްގެ ތެރެއިން، އުމުރުން 103 އަހަރުގެ އަންހެނަކަށް، ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒްއެއް ޖެހިފައި ވާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުން ދާ ކަމަށް، ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.
އީކޯން ހެލްތުކެއާ – ޗައި ޗީ ނާސިންގް ހޯމްގައި އިން އަންހެން މީހާގެ ހަށިގަނޑަށް، ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާފައި ވަނީ، ޕޭންކެއާ މެޑިކަލް ކްލިނިކްގެ މޯބައިލް ވެކްސިނޭޝަން ޓީމަކުން، ޑިސެމްބަރު 2021 ގައެވެ. ޖެނުއަރީ 2022 ގައި، އެ އަންހެން މީހާ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
ޑިސެމްބަރު 13، 2021 ގައި 4 ވަނަ ޑޯޒް ޖެހުނު އަންހެން މީހާ، ޗަންގީ ޖެނެރަލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޑިސެމްބަރު 16، 2021 ގައެވެ. އެއީ ނިއުމޯނިއާއި ހައިޕޯނެޓްރީމިއާގެ ސަބަބުން ކަމަށް ވާއިރު، އޭނާއަށް ސްޓްރޯކެއް ޖެހިފައި ހުރި ކަންވެސް އޮތީ ދެނެގަނެވިފައެވެ. އެ އަންހެން މީހާ މަރުވީ ޖެނުއަރީ 10، 2022 ވަނަ ދުވަހުއެވެ.
އަންހެން މީހާގެ ހަށިގަނޑުގައި ހެދި އޮޓޮޕްސީއިން، އޭނާ މަރުވެފައި ވަނީ ނިއުމޯނިއާ ޖެހިގެން ކަމަށާ، އެނޫންވެސް އިތުރު ސަބަބުތަކުގެ ތެރޭގައި ސްޓްރޯކް ޖެހުމާ، ކޮރޮނަރީ އާޓަރީ ޑިޒީޒް ހިމެނޭ ކަމަށް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި އަންހެން މީހާ މަރުވީ ވެކްސިނާ ގުޅުން ހުރި ސަބަބުތަކަކުން ކަމުގައި، ކޮރޮނާ ކަނޑައަޅާފައި ނުވާ ކަމަށްވެސް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
4 ވަނަ ޑޯޒްއެއްގެ ވެކްސިން ޖެހުނު މައްސަލައާ މެދު ސީރިއަސް ނަޒަރަކުން ދެކި، ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މި ހިނގާ ފެބުރުއަރީ މަހުގެ ތެރޭގައި ތަހުގީގު ނިމޭނެ ކަމަށް ބެލެވެއެވެ.
މިހާތަނަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު އަންހެން މީހާގެ ހަށިގަނޑަށް 4 ވަނަ ޑޯޒްއެއް ޖެހިފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމަށް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެގޮތުން ވެކްސިން ޖެހުމާ ގުޅުންހުރި އިޖުރާއަތުތަކުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރުމާ، އަންހެން މީހާ ބަލަހައްޓަމުން ދިޔަ މަރުކަޒާއި، ވެކްސިނާ ބެހޭ ސިއްހީ ކަންކަން ބަލަހައްޓަމުން ދިޔަ މެޑިކަލް ސާވިސް ޕްރޮވައިޑަރާ ދެމެދު އެކަށީގެންވާ ގޮތެއްގައި މުއާމަލާތު ކުރެވިފައި ނުވާ ކަން ދެނެގަނެވިފައި ވާ ކަމަށް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޑިސެމްބަރު ހިނގާ ދިޔަ ހާދިސާގެ މައުލޫމާތު، މީޑިއާއަށް ތިލަ ކުރުން ލަސްކުރީ، މަރުވި މީހާގެ އާއިލާގެ އެދުމުގެ މަތިން ކަމަށްވެސް ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.