އދ. މަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އާ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ ސެޕްޓެމްބަރު 21، 2021، ވަނަ ދުވަހުއެވެ.

މި މަޝްރޫއުއަކީ 39.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.