ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް) ގެ އޮޕަރޭޝަންތައް 2030 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާ، އެއަށްފަހު 2031 ވަނަ އަހަރު، އެ ސްޓޭޝަން، ޕެސިފިކް ކަނޑަށް ވެއްޓޭނެ ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ބުނެފިއެވެ.

ނިމިގެން ދިޔަ ހަފުތާ ތެރޭގައި ނާސާއިން އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވާ ގޮތުން، އައިއެސްއެސް ވެއްޓޭނީ، "ޕޮއިންޓް ނީމޯ" އޭ ކިއާ ސަރަހައްދަކަށެވެ. މިއީ ދުނިޔޭގެ ހިކިފަސް ސަތަހައާ އެންމެ ދުރުގައި އޮތް ކަނޑުގެ ސަރަހައްދެވެ. މިއީ ޖައްވީ އުޅަނދު ފަހަރުގެ "ގަބުރުސްތާން"ގެ ގޮތުގައިވެސް މުހާތަބު ކުރެވެއެވެ.

ޖައްވު ތެރޭގައި ދަތުރުކުރާ ގިނަ އަދަދެއްގެ ކުނިބުންޏާއި ގިނަ ޒަމާންވީ ސެޓެލައިޓްތައްވެސް މި ސަރަހައްދަށް ވެއްޓިފައި ވެއެވެ. އޭގެ ތެރޭގައި 2001 ވަނަ އަހަރު ވެއްޓުނު ރަޝިއާގެ ޖައްވީ ސްޓޭޝަން މީރުވެސް ހިމެނެއެވެ.

އައިއެސްއެސްއަކީ ޖައްވީ 5 އިދާރާއެއް ގުޅިގެން 1998 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އޯބިޓްގައި އޮޕަރޭޓް ކުރަމުން އަންނަ ޖައްވީ މަރުކަޒެކެވެ. 2000 ވަނަ އަހަރުން ފެށިގެން އެ މަރުކަޒުގައި ގަވައިދުން ކުރޫއިން ހަރަކާތްތެރިވެއެވެ. އެ ސްޓޭޝަންގައި މިހާތަނަށް 3000 އަށް ވުރެ ގިނަ ދިރާސާ ކުރިއަށް ގެންގޮސްފައިވެއެވެ.

ނާސާއިން ބުނީ، އައިއެސްއެސް ރިޓާޔާ ކުރަން ނިންމީ، ކޮމާޝަލް ސެކްޓަރަށް އެފަދަ މަސައްކަތްތައް ބަދަލު ކުރުމުގެ ތެރެއިން ކަމަށެވެ. ނާސާއިން ބުނާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި، ދުނިޔެއާއި ގާތުން ޖައްވީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް މަޝްހޫލުވެ އުޅޭނީ ކޮމާޝަލް ސެކްޓަރުންނެވެ.

އައިއެސްއެސްގެ ސްޓަރަކްޗަރަށް މައްސަލަތަކެއް ކުރިމަތިވެފައި ވާ އިރު، 2030ގެ ފަހުން އެ ސްޓޭޝަން އޮޕަރޭޓް ކުރުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާ، އެމެރިކާގެ ވާދަވެރި ރަޝިއާއިން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. ޒަމާންވެ، "އައުޓްޑޭޓް" ވެފައިވާ މި ސްޓޭޝަން ބޭނުން ކުރަމުން ދާ ނަމަ، އިޔާދަ ނުކުރެވޭ ވަރުގެ ފެއިލްވުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ރަޝިއާއިން މީގެ ކުރިން ވަނީ ދީފައެވެ.