ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް 2 ދުވަހަށްވެފާ ވަނިކޮށް، އެ ދާއިރާގައި ހިމެނޭ މަރޮށި ހިމެނޭ ގޮތަށް، އާބާދީގައި 500 މީހުން ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ށ. މަރޮށްޓަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މަރޮށި ކަހަލަ ކުދި އާބާދީތައް ހިމެނޭ ރަށްރަށަށް ވަޑައިގަތުމުން އޭޓީއެމް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާއާއި ކަންބޮޑުވުން ރައްޔިތުން އެމަނިކުފާނާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ހައްލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އާބާދީގައި 500 ހަމަވާ ހުރިހާ ރަށެއްގައި އޭޓީއެމް އިރާދަކުރެއްވިއްޔާ މިއަހަރު ބަހައްޓާ ނިންމާނަން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސަރުކާރުގެ އެ ޕްލޭނާ އެއްގޮތަށް މަރޮށްޓައް ބޭނުންވާ އޭޓީއެމްގެ ހިދުމަތް ވެސް މިއަހަރު ނިމުމުގެ ކުރިން ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އޭޓީއެމް ބަހައްޓާ އެ ހިދުމަތް އެންމެ ފުޅާކޮށް ރާއްޖޭގައި ފޯރުކޮށްދެނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ބީއެމްއެލްގެ 135 އޭޓީއެމްއިން އަންނަނީ ހިދުމަތް ދެމުންނެވެ.