އަވަށްޓެރި އިންޑިއާގައި އެ ގައުމުގެ ފައިސާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިންޑިއަން ރުޕީޒްގެ ޑިޖިޓަލް ވާޝަންއެއް، މި އަހަރު ކުރީކޮޅު ތައާރަފު ކުރެވޭނެ ކަމަށް، އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަން ވިދާޅުވެއްޖެއެވެ.

އަހަރީ ޓެކްސް ހިތޯބު އިއްވަވަމުން ސިތާރަމަން ވަނީ، ޑިޖިޓަލް އެސެޓްތަކުން ލިބޭ އާމްދަނީއިން 30 ޕަސެންޓްގެ ޓެކުހެއް ނެގުމުގެ ރޭވުންތައްވެސް ހާމަ ކުރައްވާފައެވެ. މިއާއެކު އިންޑިއާގައި އެންމެ މަތީ ޓެކްސް ބޭންޑުގައި ކްރިޕްޓޯކަރަންސީތަކާ، ނޮން-ފަންޖިބަލް ޓޯކަންސް (އެންއެފްޓީ)ތައް ހިމެނިގެންދާނެއެވެ.

ކްރިޕްޓޯކަރަންސީ ވިޔަފާރިވެރިން ވަނީ އިންޑިއާގެ ނިންމުމަށް މަރުހަބާ ކިއާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ ޗައިނާއިން، ޔުއާންގެ ޑިޖިޓަލް ވާޝަން ތަހުލީލު ކުރަމުން އަންނަ އިރު، އިންޑިއާއަކީ ދުނިޔޭގެ ވަރުގަދަ އިގުތިސޯދުތަކުގެ ތެރެއިން، ރަސްމީ ސިފައެއްގައި ވާޗުއަލް ފައިސާ ތައާރަފު ކުރާނެ ކަން އެންމެ ފަހުން އިއުލާން ކުރި ގައުމެވެ.

ސިތާރަމަން ވިދާޅުވީ، މަރުކަޒީ ބޭންކުގެ ޑިޖިޓަލް ފައިސާ ތައާރަފު ކުރުމަކީ ޑިޖިޓަލް އިގުތިސޯދަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ފައިސާ މެނޭޖު ކުރުމުގެ ނިޒާމަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސިތާރަމަން ވަނީ އިޝާރާތް ކުރައްވާފައެވެ.