ރަޝިއާ އިން ޔޫކްރައިން އަށް އަރާފާނެ ކަމުގެ ބިރުވެރިކަން އިންތިހާ އަށް ބޮޑުވަމުން އަންނަ މި ދަނޑިވަޅުގައި، ވިލާތުގެ ބައިވެރިންނާ ގުޅުމަށް، އެމެރިކާ އިން އިތުރު އަސްކަރީ ފައުޖުތައް ފޮނުވަން ނިންމި ނިންމުން، ރަޝިއާ އިން ކުށްވެރި ކޮށްފިއެވެ.

ރަޝިއާ ސަރުކާރުން ބުނީ އެމެރިކާގެ ފައުޖު އިތުރު ކުރުމަށް ނިންމި ނިންމުމަކީ ގެއްލުން ދެނިވި ނިންމުމެއް ކަމަށެވެ. އެހެނީ، އެ ނިންމުމުގެ ސަބަބުން، ނުތަނަވަސް ކަން ބޮޑުވެގެން ދާ ކަމަށާ، އެ ނިންމުމަކީ ސިޔާސީ ހައްލަކަށް އޮތް ފުރުސަތު ހަނި ކުރަނިވި ނިންމުމެއް ކަމަށް ރަޝިއާ އިން ވަނީ ސިފަ ކޮށްފައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ވަނީ، ނޯތު ކެރޮލައިނާ އިން ޖަރުމަނުވިލާތާއި ޕޯލަންޑަށް 2000 ސިފައިން ފޮނުވާނެ ކަން އިއުލާން ކޮށްފައެވެ. އަދި ޖަރުމަނުވިލާތުގައި މިހާރު ތިބި 1000 ސިފައިން، ރޮމޭނިއާ އަށް ދާނެ ކަމަށްވެސް ޕެންޓަގަން އިން ވަނީ ހާމަ ކޮށްފައެވެ.

ރަޝިއާއިން ވަނީ ޔޫކްރައިންއާ އެކު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ލައްކައެއްހާ ސިފައިން ރުކުރުވާލާފައެވެ. ކަން މިހެން އޮތް ނަމަވެސް، ރަޝިއާ އިން ދަނީ އެ ގައުމުން ޔޫކްރައިން ހިފަން އުޅޭ ކަމުގެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ބޯޑަރު ސަރަހައްދުގައި ޔޫކްރައިންގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުން ދާއިރު އެމެރިކާއާއި އެމެރިކާގެ ހުޅަނގު ބައިވެރިން ދަނީ އެ ކަމާ ސުވާލު އުފައްދާ، ހަނގުރާމައެއްގެ ތަސްވީރު ކުރަހަމުންނެވެ. ރަޝިއާ އިން ބުނާ ގޮތުގައި، އެ ސަރަހައްދުގައި އަސްކަރިއްޔާ އިން ހަރަކާތްތެރިވަމުން ދަނީ ތަމްރީނުތަކަކަށެވެ.

ރަޝިއާ އާއި ޔޫކްރައިންއާ ދެމެދު މަސްރަހު އިންތިހާއަށް ނުވަތަވަސް ވާތާ 8 އަހަރު ދުވަސް ވެފައި ވާއިރު، 2014 ވަނަ އަހަރުގެ ފަހުން އެކަނިވެސް 14000 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.