މާލޭ ރަށްވެހިންނަށް ހައްގު މިންވަރަކީ ދެތިން ހާސް ގޯތި ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރަށްވެހިންނަށް ގޯތި ދެއްވުމަށް ނިންމާވާފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މިގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ މާލޭ ރަށްވެހިންނަށް ހައްގު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓް ނޫން ކަމަށެވެ.

މިގޮތުން ހުޅުމާލެއިން މަދުވެގެން 4000 ގޯތި އަދި ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއް ނޫން. ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް، ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް. އަދި ހުޅުމާލެއިން 15000 ފްލެޓް، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް
މާލެ ސިޓީ މޭޔާ ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދެއްވުމަށް ފަހު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހިދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ އެކި ގިންތީގެ 18،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.