ކުރީ ސަރުކާރާއި މިސަރުކާރުން އިންޑިއާއިން ނެގި ލޯނުތަކުން 697 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ މިދިޔަ ޑިސެމްބަރު މަހުގެ 29ގައި ދައްކާ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާ ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރި ކަމަށެވެ.

ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެންނާނެ ކަން ވެސް ރައީސް ވިދާޅުވިއެވެ.

ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާވެސް އެކުގައި މި ގޮތުން ހޯދަން ޖެހޭ އެއްޗެއް ހޯދުމާ، އަދާ ކުރަން ޖެހޭ އެއްޗެއް އަދާ ކުރުމުގާ އިގްތިސާދީ ދުޅަހެޔޮ ސިޔާސަތެއްގާ ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތް، އަންދާޒާ ކުރެވިފައިވާ އިގްތިސާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމް. ކޮވިޑް-19ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަ ކުރެއްވިއްޔާ 2023.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، 2020 ވަނަ އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 ޕަސަންޓު ދަށްވި ކަމަށެވެ. އެ އަހަރު އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި ނަމަ އާންމުންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 31.6 އާއި 38.5 ޕަސެންޓާ ދެމެދުގައި ކަމަށެވެ.

މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.