މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ، މާލޭ ރައްޔިތުންނަށް މަދުވެގެން 2000 ގޯތި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމާވާފައިވާ ކަމަށާއި މިގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިމަސައްކަތް މިއަހަރު ޖޫންގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށެވެ. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ދައުރު ނިންމަވާލާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، ދިވެހިދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.