އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާލިދު ހަސަން އެމްއޭ އަލް ހަމާދީ އައްޔަން ކޮށްފިއެވެ.

އުރީދޫން ބުނީ، ހާލިދް އަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ގަތަރުގެ ރައްޔިތެއް ކަމަށެވެ. ހާލިދު އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމަ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަ ފަދަ އިސް މަގާމުތަކުގައި މަސައްކަތް ކޮށްފައި ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން، ތެލާއި ގޭސް ސިނާއަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާއިރު، އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތްކޮށް، އެ ކުންފުނީގެ ސޭލްސް އެންޑް ސާވިސް ގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި ހާލިދް ވަރަށް އިސް ރޯލެއް އަދާކޮށްފައިވާ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، ހާލިދް އަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސާޓިފައިޑް ކޮލިޓީ އޮޑިޓަރއެއް ގެ އިތުރުން ސަރޓިފައިޑް ޓްރެއިނިން މެނޭޖަރެއް ކަމަށެވެ. ހާލިދު ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ބެޗެލާ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިން ހާސިލުކޮށްފައިވާ ކަމަށް ވެސް އުރީދޫން ބުނެއެވެ.

ހާލިދުގެ ކުރިން އުރީދޫގެ ސީއީއޯގެ މަގާމުގައި ހުންނެވީ ނަޖީބް ހާން އެވެ. ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ރާއްޖެއާއި އުރީދޫ އަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާދީފައެވެ. މީގެ އިތުރުން ނަޖީބްގެ ހިންގުމުގެ ދަށުން ކުންފުނިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައެވެ.