​​އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗު މަހު ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ، މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، ފެބްރުއަރީ 17، 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިގޮތުން، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވުމަށް ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އުކުންފުނިން 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، ފެބްރުއަރީ 20، 2022 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް އާންމު ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.