ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުން، މި އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ވަން ޔީއަށް، އާ އަހަރުގެ ތަހުނިޔާ ފޮނުއްވި މެސެޖުގައެވެ.

ޝާހިދުގެ މެސެޖުގައި، ޗައިނީޒް ސްޕްރިން ފެސްޓިވަލްގެ މުނާސަބަތުގައި، އަދި އާ އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ވަނީ ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މިއީ، ކޮވިޑް-19ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވުމަށް ވަރަށް ހާއްސަ މުނާސަބަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުން، މި އުފާވެރި އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި 2022 ވަނަ އަހަރު ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންތިޒާރު ކުރައްވާ ކަމަށް ވެސް މެސެޖުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވިންޓާ އޮލިމްޕިކްސް ކާމިޔާބު އޮލިމްޕިކްސް އަކަށްވާނެކަމުގެ އުއްމީދު ކުރާ ޗައިނާގެ ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް ޝާހިދު ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި މެސެޖުގައި ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގްބަލަކަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައިވެއެވެ.