މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2754 އާ އެކު މި މަހު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 43180 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7852 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 3725 އެވެ. މިއަދު މާލެއިން 1407 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 38 ޕަސެންޓަށް އަރާފައެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 2754

  • މާލެ ސަރަހައްދު: 1407
  • އަތޮޅު ތެރެއިން: 962
  • ރިސޯޓްތަކުން: 48

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 138880 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 63 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 672 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 276 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު މި ބަލީގައި މަރުވެފައި ވަނީ 14 މީހެކެވެ.

ހަލުވި ކަމާއެކު މި ވަގުތު ކޮވިޑް ފެތިރެމުންދާ މި ދަނޑިވަޅުގައި ،ރާއްޖެއިން އޮމިކްރޯން ފެނިފައިވާ އިރު މިހާތަނަށް 74 ކޭސް އެއް ވަނީ ފެނިފައެވެ. އޮމިކްރޯން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ. މި ވަގުތު ކޮވިޑް ފެތުރެމުން އަންނާތީ 32 ރަށެއް ވަނީ މޮނިޓަރީންގެ ހާލަތަށް ލާފައެެވެ.