ކުރީގެ ރައީސް އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލައި އާންމު ކޮށްފައިވާ ތާރީހު އަވަސް ކުރުމަށް ނިންމާފައި ވާތީ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމުން ބުނީ، ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ތާރީހުތަކަށް، އެ ދެފަރާތާ މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކު ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މި މައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައި ކަމަށް ޕީޕީއެމުން ބުނެއެވެ. ހަމައެއާއެކު މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ސިފަ ކުރާ ކަމަށް ޕީޕީއެމުން ބުނެއެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ، ދާދި ފަހުން ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމްތަކުގައި ވެސް ރައީސް ޔާމީން ހުންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުން ވެސް ރޯދައިގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކުރަމުން ދާކަން ވަނީ ހާމަވެފައި ކަމަށް ބުނެއެވެ. އެހެންކަމުން ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވާ، އަތް ބާނައިގެން އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުމަށް ކުރިން ތާވަލް ކޮށްފައި އޮތީ ނޮވެމްބަރު 25 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ޖޫން މަހުގެ 30 ވަނަ ދުވަހަށް ހުކުމް އިއްވުން އަވަސް ކޮށްފައި ވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.