ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 104 މައްސަލަ މިދިޔަ ޑިސެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 27 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފަވެއެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ ހިމެނެވެ. އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 6 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ، އަހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮސް ގަނާ ލިބުމުގެ 1 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ މިދޔަ މަހު ވަނީ ހުށަހަޅާފައެވެ.

އާއިލީ 24 މައްސަލަ ޑިސެންބަރުމަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 10 މައްސަލަ ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ 7 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލައެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 9 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ. އަދި ޖިންސީ ފުރައްސާރައިގެ 1 މައްސަލަ، މާލީ / އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ، މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 8 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެވެ.

މިދިޔަ މަހު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލަ ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 6 މައްސަލަ، ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 3 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލަ މަރުވާން ހިޔާލު އައުމުގެ 4 މައްސަލަ، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 3 މައްސަލަ އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 3 މައްސަލަ ހިމެނެއެވެ.

މިދިޔަ މަހު ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 6 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެއީ ސާފުބޯފެނާއި / ކަރަންޓުގެ ހިދުމަތް ކަނޑާލުމުގެ 3 މައްސަލަ، އައިޑީ/ޕާސްޕޯޓް/އުފަންދުވަހުގެ ސެޓްފިކޭޓް ހޯދުމާބެހޭ 1 މައްސަލަ، ކުދިންއަށް ވެކްސިން ނުދިނުމުގެ 1 މައްސަލަ އަދި ތައުލީމަށް ހުރަސްއެޅުމުގެ އެއް މައްސަލައެވެ.

ގާނޫނާއި ގާވާއިދާ ހިލާފުވުމުގެ 03 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.

ޑިސެމްބަރ މަހުގައި އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާއިރު 5 ކުދިން ރީއިންޓާގްރޭޓް ކޮށް އަދި 01 ކުއްޖަކަށް ވަޒީފާ ހޯދައި މުޖްތަމައުއަށް އިންޓަގްރޭޓް ކޮށްފައިވެއެވެ. .ޑިސެމްބަރުމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 202އެވެ.