އުރީދޫ މޯލްޑިވްސްއިން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

އުރީދޫން ބުނީ މި ޓެބްލެޓްތައް ހަދިޔާކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. މިގޮތުން މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާއި ހަވާލުވެލެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ ކަމަށާއި އުރީދޫގެ ފަރާތުން މިނިސްޓްރީއާ ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ކަމަށް އުރީދޫން ބުނެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަގައި އުރީދޫގެ ފަރާތުން ދޭ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން މިނިސްޓަރު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިގޮތުން މިނިސްޓަރު ވަނީ އުރީދޫގެ ފަރާތުން ހަދިޔާކުރި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދިންނަށް ކަމަށް ވިދާޅުވިއެވެ. މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުން 194 ކުދިން ބަލަހައްޓަމުންދެއެވެ.

މިއަދު ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފުންނާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ އިސް މުވައްޒަފުންނާއި އުރީދޫގެ ފަރާތުން މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އުރީދޫން ބުނެއެވެ.