ހުޅުމާލެ ފޭސް 2 އިން ޖަލަށް ވައްދަން ތައްޔާރުކުރި ސާމާނުތަކަކާއެކު ހައްޔަރުކުރި މީހުން ގެންގުޅުނީ ހުޅުމާލެ މީރާ އޮފީހުގެ ތިޖޫރި ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ ފުލުހުން ފޭސް 2 ޕެޓްރޯލް ކުރަމުން ދިޔައިރު ތިޖޫރީއެއް ހިފައިގެން ހިޔާގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލައިލާ، އެ މީހުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ދެ މީހުން ހުއްޓުވާ އެ މީހުން ގެންގުޅުނު ތިޖޫރީ އާއި އެ ދެ މީހުން ބަލައި ފާސްކުރި އިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ 18 މޯބައިލް ފޯނާއި 28 ޗާޖަރާއި 28 ހެޑް ސެޓާއި 10 މެމޮރީ ކާޑާއި 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވާ ކަަމަށާއި މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރު ކޮށްފައި ހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގާ ހިމެނޭ ތިޖޫރީއަކީ ހުޅުމާލެގައި ހުންނަ މީރާ އޮފީހުގެ ތިޖޫރީއެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި އެ އޮފީހުގެ ތިޖޫރީ ވަގަށް ނަގައިފާ ވަނީ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ތިޖޫރީގައި 1800 އާއި 2000 ރުފިޔާއާ ދެމެދު އަދަދަކަށް ރުފިޔާ ހުންނާނެ ކަމަށް އެ އޮފީހާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ވަނީ ހައްޔަރުކުރި އިރު އޭގެ ތެރެއިން 18 އަހަރުގެ މީހާއާއި 20 އަހަރުގެ މީހަކު ޝަރުތުކޮށް ދޫކޮށްލައިފާވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ބާކީ ތިބި 4 މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖަހައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.