ވޭތުވެދިޔަ 3 އަހަރު ބިދޭސީން ހިމެނޭ 2،016 މައްސަލައެއް ރިޕޯޓު ކޮށްފަައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ 2019، 2020 އަދި 2021 ގައި މާލެ އާއި އަތޮޅު ތެރެއިން ހުޅަހެޅި މައްސަލަތަކުގެ ތެރެއިން ބިދޭސީން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގައި ކަމަށެވެ.

ފުލުހުން ބުނީ 2019 ވަނަ އަހަރު މާލެއިން ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ 94 މައްސަލައަކާއި އަތޮޅުތެރެއިން 51 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި 2020 ވަނަ އަހަރު މާލެއިން ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ 70 މައަސަލައަކާއި އަތޮޅުތެރެއިން 48 މައްސަލައެއް ހުށަހަޅާފައި ވާއިރު، 2019 ވަނަ އަހާރާއި އަޅާބަލާއިރު 2020 ވަނަ އަހަރު މާލެއާއި އަތޮޅު ތެރެއިން ވަނީ ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް މަދުވެފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ 39 މައްސަލަ ހުށައަޅާފައި ވާއިރު އޭގެ ތެރެއިން 30 މައްސަލައަކީ މާލެއިން ހުށައަޅާފައިވާ މައްސަލަތަކެވެ. ވޭތުވެދިޔަ 3 އަހަރަށް ބަލާއިރު ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް އަންނަނީ އަހަރުން އަހަރަށް މަދުވަމުންނެވެ.

ބިދޭސީން ހިމެނޭ މައްސަލަތައް ދައްކުވައިދޭ އިންފޯގްރެފިކް އެއް

ބިދޭސީއިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް:

  • 2019: މާލެއިން 94 މައްސަލަ، އަތޮޅުތެރެއިން 51 މައްސަލަ

  • 2020: މާލެއިން 70 މައްސަލަ، އަތޮޅުތެރެއިން 48 މައްސަލަ

  • 2021: މާލެއިން 30 މައްސަލަ، އަތޮޅުތެރެއިން 9 މައްސަލަ

ބިދޭސީން ހިމެނޭ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު ޖުމްލަ 89 މައްސަލައެއް ހުށައަޅާފައި ވާއިރު 2020 ވަނަ އަހަރު އެ ފަދަ 79 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ވޭތުވެދިޔަ 2021 ވަނަ އަހަރު މޭ މަހުގެ ނިޔަލަށް ބިދޭސީން ހިމެނޭ ވައްކަމުގެ 69 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވެއެވެ.

ބިދޭސީއިން ހިމެނޭ ވައްކަމުގެ މައްސަލަތައް:

  • 2019: ޖުމްލަ 89 މައްސަލަ
  • 2020: ޖުމްލަ 79 މައްސަލަ
  • 2021: ޖުމްލަ 69 މައްސަލަ

ބިދޭސީން ހިމެނޭ ގިނަ މައްސަލަތައް ހިމެނޭއިރު މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުން އަދި މާރާމާރީގެ މައްސަލަތައް އާންމުވެ އާންމު އުނދަގުލަކަށް ވެފައި ވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ވެސް އެހެނިހެން މައްސަލަތަކާއެކު 2019 ވަނަ އަހަރު ބިދޭސީން ހިމެނޭ ޖުމްލަ 913 މައްސަލައެއް ހުށައަޅާފައި ވާއިރު 2020 ވަނަ އަހަރު ބިދޭސީން ހިމެނޭ 800 މައްސަލައެއް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ބިދޭސީން ހިމެނޭ 303 މައްސަލައެއް 2021 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ހުށައަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީން ހިމެނޭ މައްސަލަތައް:

  • 2019: ޖުމްލަ 913 މައްސަލަ
  • 2020: ޖުމްލަ 800 މައްސަލަ
  • 2021: ޖުމްލަ 303 މައްސަލަ

މީގެ އިތުރުން ފުލުހުން ވަނީ އެކި މައްސަލަތަކުގައި ތަކުރާރުކޮށް ބިދޭސީންގެ އެއްބަޔަކު ބަންދުކޮށްފައި ވާކަން ފާހަގަކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ތަކުރާރުކޮށް 12 ބިދޭސީއަކު ހައްޔަރުކޮށްފައި ވާއިރު 2020 ވަނަ އަހަރު ތަކުރާރުކޮށް 9 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި 2021 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް 5 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރާއި އަޅާބަލާއި 2020 އަދި 2021 ވަނަ އަހަރު ބިދޭސީން ހިމެނޭ ކުށްތައް މަދުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.