ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19ގެ ބަލިން ރަނގަޅުވެ މަސައްކަތްޕުޅަށް ނުކުންނަވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑުން ރަނގަޅުވެ، ރައީސް އެނބުރި އޮފީހަށް ވަޑައިގެން މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫއާ މިއަދުގެ ވަގުތެއްގައި ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރެއްވީ މިމަހު 22 ވަނަ ދުވަހުއެވެ. ރައީސް ވިދާޅުވީ، އެކަން އެނގިވަޑައިގަތީ، މިމަހު 21 ވަނަ ދުވަހުގެ ރޭ ހެއްދެވި ޕީސީއާރު ޓެސްޓުން ކަމަށެވެ.

ރައީސް ސޯލިހަށް ކޮވިޑް ޖެހިފާ ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް އެދުވަހު ފޯކައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފާ ވަނިކޮށެވެ.

ރައީސް ސޯލިހު ޕޮޒިޓިވް ވި އިރު އުމުރުފުޅުން 77 އަހަރުގެ ރައީސް ސޯލިހުގެ މަންމާފުޅު މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ ވަނީ ފަރުވާ ހޯއްދަވާފައެވެ. އަދި ރައީސްްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަށް ވެސް ކޮވިޑް ޖެހިވަޑައިގެން މިދިޔަ އަހަރުގެ އޭޕްރީލްގައި ވަނީ ފަރުވާ ހޯއްދަވާފައެވެ. ފަޒްނާއާއެކު އެކަމަނާގެ ކޮއްކޮ ނަޒީހާ އަހްމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަށް ވެސް ކޮވިޑް ޖެހުނެވެ.

ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުން އޭރު ޕޮޒިޓިވް ވި ނަމަވެސް ރައީސް އާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން، ސަރާ ސޯލިހް އަދި ޔަމާން ސޯލިހް އޭރު ޕޮޒިޓިވް އެއް ނުވެއެވެ.