އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އދގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން އިއްޔެ ދިވެހިރާއްޖެއަށް 210،600 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކުރުމާ ގުޅިގެން މިނިސްޓަރު ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓާ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެމެރިކާއަކީ ކޮވިޑްގެ ދުވަސްކޮޅު ރާއްޖެއަށް ވަރަށް ގިނަ އެހީތައް ވެދީފައިވާ ގައުމެކެވެ.

އެގޮތުން މިހާތަނަށް އެގައުމުން ވަނީ ރާއްޖެއަށް 440،000 ޑޯޒްގެ ފައިޒާ ވެކްސިނާއި ކުއްލި ހާލަތުގައި ބޭނުން ކުރަން ހަތް މިލިއަން ޑޮލަރުގެ ވަސީލަތްތަކާއި ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން 60 ވެންޓިލޭޓަރާއި އެއް ލައްކަ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓު ވެސް ހަދިޔާކޮށްފައި ވާއިރު މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އިޖުތިމާއީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތަށް ވެސް ވަނީ އެހީތެރިވެދީފައެވެ.