ޖަލަށް އެތެރެކުރުމަށް ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތަކެއްޗާއެކު 6 މީހަކު ހުޅުމާލެ ފޭސް 2 އިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފުލުހުން މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕެޓްރޯލް ކުރަމުން ދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު 2 މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށެވެ.

ފުލުހުން ބުނީ ތިޖޫރީއެއް ހިފައިގެން ފޭސް 2 ގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލައިލާ، އެ މީހުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވާ އެ މީހުން ގެންގުޅުނު ތިޖޫރީ އާއި އެ ދެ މީހުން ބަލައި ފާސްކުރި އިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށެވެ. އަދި އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ 18 މޯބައިލް ފޯނާއި 28 ޗާޖަރާއި 28 ހެޑް ސެޓާއި 10 މެމޮރީ ކާޑާއި 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވާ ކަަމަށާއި މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރު ކޮށްފައި ހުރި ތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.