ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓްތަކުން ނަގާ ކުންޏަށް ބިލް ނުކުރަން ވެމްކޯއިން ނިންމައިފިއެވެ.

ވެމްކޯއިން ބުނީ، ހިޔާ ފްލެޓްތަކުގެ ކުނި އުކާލުމަށް އެދި ފްލެޓްތަކުން ރަޖިސްޓްރީކޮށް އެ ހިދުމަތަށް ބިލްކުރަން ފަށަން ކުރިން ނިންމާފައިވީ ނަމަވެސް އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ފްލެޓްތަކުގައި މީހުން އާބާދުވާ މިންވަރަށް ބަލައި، އެ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހިޔާ ފްލެޓްތަކުން ކުނި ނެގުމަށް ވެމްކޯއިން ލުޔެއް ދީފައި ވާއިރު، އެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމަން އެޗްޑީސީން ވަނީ އަންނަ މާޗު މަހުގެ ނިޔަލަށް މުއްދަތު ދީފައެވެ. އެ މުއްދަތުގައި ފްލެޓްތަކުން ކުއްޔެއް ނުނަގާނެއެވެ.