މީގެ ކުރިން ލަފާކޮށްފައިވާ މުއްދަތަށް ވުރެ ބިލިއަނެއްހާ އަހަރު ދުވަސް އިތުރަށް މާސްގައި ފެން ދައުރު ކޮށްފައި ވާ ކަމުގެ ހެކި ލިބިފައި ވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ބުނެފިއެވެ.

ނާސާގެ އާ ދިރާސާއިން ދައްކާ ގޮތުގައި، ފެން، ދިޔާ މާއްދާއެއްގެ ގޮތުގައި، މީގެ 2 އާއި 2.5 ބިލިއަން އާ ދެމެދު އަހަރުތަކެއްގެ ކުރިން މާސްގައި ދައުރު ކޮށްފައި ވާ ކަމުގެ ނިޝާންތަކެއް ވަނީ ހާމަވެފައެވެ.

މީގެ ކުރީގެ ހޯދުންތަކަށް ބަލާއިރު މާސްގައި ފެން ކޯރާއި ޕޮންޑް ހުރީ މީގެ 3 ބިލިއަނެއްހާ ކުރިންނެވެ.

މާސްގެ ވައިގެ ފަށަލަ ތުނިވަމުން ދިޔަ ވަރަކަށް، ފެން އާތްވަށްވެގެން ދިއުމާއެކު، މާސް ވެފައި ވަނީ ގަނޑުވެފައިވާ ސަހަރާއަކަށެވެ. މާސްގައި އެންމެ ފުރަތަމަ ހުރި ފެނުގެ 30 ޕަސެންޓާއި 99 ޕަސެންޓާ ދެމެދު މިންވަރެއްގެ ފެން، އެ ޕްލެނެޓްގެ މިނަރަލްތަކުގެ ތެރޭގައި ތާށިވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނާސާއިން ބުނެފައި ވާ ގޮތުގައި މާސްގައި ވާ ޖެޒީރޯ ވަޅުގަނޑަކީ، މީގެ ކުރިން ކޯރެއް އޮތް ސަރަހައްދެކެވެ. މިއާއެކު، މާސްއިން ދިރުން ހޯދުމުގެ ޝައުގު، ސައެންސްވެރިންގެ މެދުގައި ގަދަވިއެވެ.