އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ލަސްކުރަން ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނޫން ކަމަށް އެ ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ މަހްލޫފްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ތާވަލްކުރާ ގޮތަށް ނިންމާފައިވާ ނިންމުމަކީ އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގާޒީންނަށް ހަވާލުކުރުމަށްފަހު ޝަރީއަތްކުރާ ސެކްޝަންތަކުގައި މައްސަލަތައް ތާވަލު ކުރާނެ ގޮތަކީ އެ ސެކްޝަނެއްގެ ގާޒީއެއްގެ ނިންމުމެއް ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކޮށްފައިވާ ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދެއްވުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މި މަހުގެ 19 ވަނަ ދުވަހަށް ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. އޭގެ ފަހުން މަހްލޫފުގެ ޝަރީއަތް އަލުން ކުރިއަށް ގެންދަން ނިންމާފައިވަނީ އެ މައްސަލާގައި ހިމެނޭ އެންމެން ހާޒިރުކޮށްގެން ކަމަށާއި، ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ އަލުން ތާވަލުކުރަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު ބައެއް މީޑިއާތަކަށް ވަނީ އެހެން މައްސަލަތައް ވެސް މިހާލަތުގައި ކުރިއަށް ގެންދާއިރު މަހުލޫފްގެ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށާއި އެ ނިންމުމާމެދު ހިތްހަަމަ ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެ ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ކޯޓަށް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ވެސް ހިމެނެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މަހުލޫފުގެ ޝަރީއަތް ދެން ކުރިއަށް ދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކުރިމިނަލް ކޯޓުން އިއުލާނުކުރުމުން ދޭހަވާ ކަމަކީ އެ ކޯޓުން އަމަލުކުރާ އުސޫލުތަކުގެ ދެފުށްނުފެންނަކަން ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގައި ބޮޑު ކުށެއްކަމުގައި ކަނޑައަޅާފައިވާ މައްސަލައެއްގައި އެހެންވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

މަހްލޫފްގެ މައްސަލަ ފަސްކުރަން ނިންމި ނަމަވެސް ކްރިމިނަލް ކޯޓުން އަންނަނީ އެހެން ޝަރީއަތްތައް ބާއްވަމުންނެވެ. އެ ގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރިޣެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ. މި ނޫން ވެސް މައްސަލަތަކަށް ބަލާ އިރު، ޓެރަރިޒަމްގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތާކައި މަރުގެ މައްސަލަަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަަތައް ވެސް މި ދިވަސްވަރު ބަލަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.