މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ދަށު ކޯޓުތަކަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އާއިލީ ބާވަތުގެ މައްސަލަތައް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

އެ އިދާރާއިން އާންމުކުރި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގެ ކޭސް މެނޭޖްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދަށު ކޯޓުތަކަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އާއިލީ މައްސަލަތަކެވެ. އެގޮތުން އެ މުއްދަތުގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 51 ޕަސެންޓު މައްސަލައަކީ އާއިލީ މައްސަލަތަކެވެ.

އެއަށްފަހު އެ މުއްދަތުގައި ހުށަހެޅި ބާކީ މައްސަލަތަކަށް ބަލާއިރު 34 ޕަސެންޓު މައްސަލަތަކަކީ މަދަނީ މައްސަލަތަކެވެ. އަދި ބާކީ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދަށު ކޯޓުތަކަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި 4،635 މައްސަލައެއް ހުށަހަޅާފައިވާއިރު، 2020 ވަނަ އަހަރުގެ އެ މުއްދަތުގައި 4،722 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިއީ 2020 އަށް ވުރެ 87 މައްސަލައިގެ ދަށްވުމެކެވެ.

ނަމަވެސް އެ މުއްދަތުގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތައް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 4،697 މައްސަލަ ނިންމާފައިވާއިރު، 2020 ގެ އެ މުއްދަތުގައި ނިންމާފައިވަނީ 4،013 މައްސަލައެކެވެ. މިއީ 17 ޕަސެންޓުގެ އިތުރުވުމެކެވެ.

ހަމަ އެއާއެކު، އެ މުއްދަތުގައި ދަށު ކޯޓުތަކުގެ ކޭސްތަކުގެ ކްލިއަރެންސް ރޭޓާއި ނުނިމި ހުރި މައްސަލަތަކުގެ އަދަދުވެސް 2020 ގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.