ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓް، "އޮމިކްރޯން" އަކީ، މީގެ ކުރިން ފެންމަތިވި އަލްފާ، ބީޓާ، ޑެލްޓާ އަދި ގާމާ ވޭރިއަންޓަށްވުރެ ގިނަ ވަގުތަށް، ހަންގަނޑާއި ޕްލާސްޓިކުގައި ދެމި ހުންނަ ވޭރިއަންޓެއް ކަމަށް، ޖަޕާނުގެ ދިރާސާއަކުން ދައްކައިފިއެވެ.
ޖަޕާނުގެ ކިޔޯޓޯ ޕްރީފެކްޗަރަލް ޔުނިވާސިޓީ އޮފް މެޑިސިންއިން ވަނީ، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ ވޫހާންއިން ފެނުނު ވޭރިއަންޓާއި، ދެންވެސް ކަންބޮޑުވުމެއްގެ ދަރަޖަ ދީފައިވާ ވޭރިއަންޓްތައް އަޅާ ކިއާ، ދިރާސާ ކޮށްފައެވެ.
ޕިއާ ރިވިއު މަރުހަލާއަށް ތައްޔާރު ވެފައި ވާ މި ދިރާސާ ބުނާ ގޮތުގައި، އޮމިކްރޯން ވޭރިއަންޓަކީ ހަމުގައި 21.1 ގަޑިއިރު، އަދި ޕްލާސްޓިކް ސަތަހައެއްގައި 8 ދުވަހަށް ދިރިހުންނަ ވޭރިއަންޓެކެވެ. އިންތިހާ ހަލުވި މިނުގައި އޮމިކްރޯން ފެތުރިގެންދާ މައިގަނޑު ސަބަބަކީވެސް މިއީ ކަމުގައި ވެދާނެ ކަމަށް، ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ ކުރިން ފެންމަތިވެފައިވާ ކޮވިޑް ވޭރިއަންޓްތަކުގެ މައްޗަށް އޮމިކްރޯން ގަދަވެފައި ވަނީވެސް، އެކި ވެށީގައި މި ވޭރިއަންޓަށް ދިރިހުރެވޭ މުއްދަތު އިތުރު ވުމުން ކަމަށް ދިރާސާއިން ހާމަވެފައި ވާ ކަމަށްވެސް، ދިރާސާގެ މުސައްނިފުން ބުނެއެވެ.
ވޫހާންއިން ފެންމަތިވި ވޭރިއަންޓް، ޕްލާސްޓިކްގައި 56 ގަޑިއިރަށް ދިރި ހުންނައިރު، އަލްފާ ވޭރިއަންޓް 191.3 ގަޑިއިރު، ބީޓާ ވޭރިއަންޓް 156.6 ގަޑިއިރު ގާމާ ވޭރިއަންޓް 59.3 ގަޑިއިރު އަދި ޑެލްޓާ ވޭރިއަންޓް 114 ގަޑިއިރަށް ދެމިހުންނަ ކަމަށް ޖަޕާންގެ ދިރާސާ ބުނެއެވެ.
ހަމުގައި ދިރިހުންނަ ވަގުތަށް ބަލާއިރު، ވޫހާން ވާޝަން ދިރި ހުންނަނީ 8.6 ގަޑިއިރަށެވެ. އަލްފާ ވޭރިއަންޓް 19.6 ގަޑިއިރު، ބީޓާ ވޭރިއަންޓް 19.1 ގަޑިއިރު، ގާމާ ވޭރިއަންޓް 11 ގަޑިއިރު އަދި ޑެލްޓާ ވޭރިއަންޓް 16.8 ގަޑިއިރު ދިރި ހުންނަ ކަމަށް ދިރާސާ ބުނެއެވެ.
ޖަޕާންގެ ދިރާސާ ޓީމުން ވަނީ، އިތަނޯލް ހިމެނޭ ސެނިޓައިޒާއަކީ މި ވޭރިއަންޓްތަކާ ދެކޮޅަށް ކިހާ ކާމިޔާބު އެއްޗެއްތޯވެސް ބަލާފައެވެ. އެގޮތުން، 35 ޕަސެންޓް އިތަނޯލްއަށް ހުށަހެޅޭޓާ 15 ސިކުންތުގެ ތެރޭގައި، ހަންގަނޑުގައި ހުންނަ ވައިރަހުގެ ދިރުން ނެތި ކޮށްލާ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.
ކަން މިހެން އޮތުމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައި ވާ އިރުޝާދުތަކާ އެއްގޮތަށް، ރަނގަޅަށް އަތް ދޮވެ، ސާފު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިރުޝާދު ދޭ ކަމަށްވެސް ޖަޕާންގެ ދިރާސާ ޓީމުން ވަނީ ބުނެފައެވެ.