ބައިބޯވެފައިވާ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ އަބާދީއަކީ ބޮޑު އަބާދީއެކެވެ. އެގޮތަށް އުޅޭ އެންމެންނަކީ ލިބޭ އާމްދަނީ އެއްކޮށް ކަހަލަ ގޮތަކަށް ކުއްޔަށް ހޭދަކޮށްގެން އުޅޭ މީހުންނެވެ. ކިރިޔާ އަތާއި އަނގަޔާ ދިމާވާ ހާލުގައި އުޅޭ މީހުންގެ ތެރެއިން ވެސް ހިތް ހެޔޮ ރަނގަޅު މީހުން އުޅެއެވެ. އެމީހަކަށް ވީ ވަރަކުން އެހެން މީހަކު ކަމަކު އެދިއްޖެ ނަމަ އެކަމެއް ކޮށްދީ މީހުންނަށް ހެޔޮ އެދޭ އިހްލާސްތެރިން އުޅޭ ކަމީ އުފާ ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް މި މުޖުތަމައުގައި މަކަރާއި ހީލާތުން މީހުންނަށް "ދޯކާ" ދޭ މީހުންނާއި ނުވަތަ މަޅިއެއްގައި މީހަކު ބައްދާލަން ކަންކަން ރާވައިގެން ހިންގާ މީހުން އުޅޭ ކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެފަދަ މަކަރުވެރި މީހުންގެ މަޅީގައި ޖެހޭ މީހުންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަތަކަކީ ދައްކަން ޖެހޭ ވާހަކަތަކެކެވެ. އެފަދަ މަޅިއެއްގައި ރަނގަޅު ހެޔޮލަފާ ނިޔަތެއް އޮތް މީހަކު ޖެހުނަ ނުދީ މި މުޖުތަމައު ހޭލުންތެރި ކުރުވުމަކީ އެފަދަ މީހުންގެ އަތްދަށުވާ މީހުން މަދު ކުރެވޭނެ ކަމެއްކަން ޔަގީނެވެ.

މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި ފިރިހެނަކަށް މީގެ 2 ދުވަސް ކުރިން ދިމާވި ހާދިސާއެއް އޭނާ ވަނީ 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައެވެ. ނަން ހާމަ ނުކުރާ ގޮތަށް އޭނާ މައުލޫމާތު ދެމުން ބުނީ، މި ހިނގާ ޖެނުއަރީ މަސް ފެށިގެން އައި އިރު، އޭނާ ހުރީ ވަރަށް ބޮޑު ކަމަކަށް ތައްޔާރު ވެގެން ކަމަށެވެ. ހަ މެންބަރުންގެ ކުޑަ އާއިލާއެއްގެ ޒިންމާތައް އުފުލާ މެދު އުމުރުގެ އެ މީހާ ބުނީ، މި މަސް ނިމެން ވާއިރަށް، މިހާރު ކުއްޔަށް އުޅޭ ތަން ދޫކޮށް އާ ތަނަކަށް ބަދަލުވާން ޖެހުމުން ތަނެއް ހޯދުމުގެ މަސައްކަތް ފަށައި، އެތަނަށް ބަދަލު ވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ދަނިކޮށް ދިމާވި ހާދިސާއަކުން އޭނާގެ ހުރިހާ ފައިސާއެއް ހުރި ބީއެމްއެލްގެ އެކައުންޓް ފްރީޒް ކޮށްފި ކަމަށެވެ. އެ ގޮތަށް އެކަން ދިމާވީ އޭނާގެ އެކައުންޓަށް މީހަކު ޖަމާކުރި ފައިސާއެއް ނަގައި އެމީހާ ބުނި މީހަކާ ހަވާލު ކުރުމުން ކަމަށް އޭނާ ބުނެއެވެ.

އާމްދަނީ ހޯދަން ކުރާ މަސައްކަތުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ނުދަންނަ ނަންބަރުތަކުން އޭނާގެ ފޯނަށް ކޯލްތައް އަންނަ ކަމަށާއި އެ ގޮތުން މިދިޔަ އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި ނުދަންނަ ނަންބަރަކުން އައި ކޯލް ނެގިކަމަށް އޭނާ ބުނެއެވެ. އެ ކޯލް ނެގުމުން އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެއް ކަމަށާއި ވަރަށް ގާތްކޮށް ވާހަކަ ދެއްކި ކަމަށް އޭނާ ކިޔައިދިނެވެ. އެމީހާ އެއީ ކާކުކަން ނޭނގެނީތޯ އަހާ ސުވާލުކޮށްލުމުން ދަންނަ މީހަކާ އެމީހާގެ އަޑު ވައްތަރު ކަމަށް ފާހަގަ ވެގެން އޭނާގެ ޒަމާންވީ ރައްޓެއްސެއްގެ ނަމުން ގޮވާލާ އެއީ އެ ރަހްމަތްތެރިއާތޯ އޭނާ އަހާލިއެވެ. އެހިސާބުން އެ ގުޅި ފިރިހެން މީހާ އަކީ އެ ރަހްމަތްތެރިޔާ ކަމަށް ބުނެ ވަރަށް އާދޭހާ އެކު އޭނާ ކަމަކު ކިޔެވެ.

"އޭނާ އެހުރީ ރިސޯޓެއްގަޔޯ. މާލޭގައި ހުރި އޭނާގެ ކޮއްކޮއެއް ފުރަން އުޅޭތީ އޭނާއަށް ފައިސާ ކޮޅެއް ހަވާލުކޮށްލަން ޖެހޭ ތީ އެކަން ވެދާނެތޯ އެހީ. އިތުރު އެއްޗެއް ނުބުނެވެނީސް އެކޮޅުން ބުނީ ތިމަންނަ ތި އެކައުންޓަށް ފައިސާ ފޮނުވީމަ އެ ނަގާފަ ކޮއްކޮއާ ހަވާލު ކޮށްލާށޭ. އަހަރެން އަތުން ފައިސާ ދޭކަށް ނުޖެހޭތީ މީހަކަށް ހެޔޮ ނިޔަތުގައި ކަމެއް ކޮށްދޭން އާނއެކޭ ބުނީ. އަސްލު އަހަރެން ހީކުރީ އެއީ ހަމަ ކުރީގެ ގާތް ރައްޓެއްސެކޭ"
މައުލޫމާތު ދިން މީހާ

ފޯނުން ގުޅި މީހާ އޭނާގެ ރައްޓެއްސަކަށް ވެގެން ވާހަކަ ދެއްކުމާއި އަދި މީހަކު ފޮނުވާ ފައިސާއެއް އޭނާ ބުނާ މިީހަކަށް ހަވާލުކޮށްގެން އޭނާ އަށް ވާނެ ގެއްލުމެއް ނެތް ކަމަށް ދެކި އެ ފައިސާގެ މުއާމަލާތް ކުރަން ފޯނުން އެއްބަސްވި ކަމަށް އޭނާ ބުނެއެވެ. އެހިސާބުން އޭނާއަށް އެކައުންޓް ނަންބަރރު ފޮނުވުމުން 5250 ރުފިޔާ އެމީހާ ޓްރާންސްފާ ކުރި ކަމަށް އޭނާ ބުނެއެވެ.

ދެން އޮފީހުގައި ހުރެފައި ބޭރަށް ނުކުތް ވަގުތު އޭޓީއެމަކަށް ވަދެ އެ ފައިސާ ނަގައި ސިޓީ އުރައަކަށް ލައި އޮފީހުގެ ރިސެޕްޝަނަށް ހަވާލުކުރީ އެ ސިޓީއުރަ ބަލާ އަންނަ މީހަކާ ހަވާލު ކުރަން ބުނެއެވެ. ދެން މެންދުރު 11 ޖަހާކަށް ހާއިރު، ކުރިން ގުޅި ނަންބަރުން ގުޅައި ފައިސާއާ ހަވާލުވާން އޭނާގެ ކޮއްކޮ ފޮނުވާނެ ކަމަށް ބުންޏެވެ. އެ އޮފީސް ހުންނަ ތަން ކިޔައިދީ އެމީހާގެ ކޮއްކޮ ކަމަށް ބުނާ މީހާ އެ އެޑްރެހަށް އައުމުން އަނެއްކާ ވެސް ގުޅި ނަންބަރުން ކޯލް ކުރިއެވެ. އަދި އޭނާގެ ކޮއްކޮއާ ކޮންފަރެންސް ކޯލެއް ހަދަނީ ކަމަށް ބުނެ އިރުކޮޅެއް ފަހުން ވާހަކަ ދެއްކުމުގެ ރާގު ބަދަލުވެ އެހެން މީހަކު އެ ކޯލަށް ވާހަކަ ދެއްކިއެވެ. އެމީހާ އޮފީސް ރިސެޕްޝަނަށް ވަނުމުން ކައުންޓަރުގައި ހުރި ކުއްޖާ އަށް ގުޅައިގެން އެ ސިޓީ އުރަ އެމީހާއާ ހަވާލު ކުރީ ކޯލުގައި ހުރެއެވެ. އެއާ ހަވާލުވި މީހާ ފައިސާ ލިބުމުން އެތަނުން ދިޔައެވެ.

ފައިސާގެ ނޫޓް ތަކެއް މީހަކަށް ހަވާލު ކުރަނީ / ފޮޓޯ: ދަ ޕްރެސް
"އެއްފަހަރު ފޮނުވި ފައިސާ ނަގާފަ ހަވާލު ކުރި ފަހުން ނުވެސް ބުނެ ދެވަނަ ފަހަރަށް ފައިސާ ފޮނުވީ، އެފައިސާ ނަގަން ދިޔަ ވަގުތު އެކައުންޓް ބޭނުން ނުކުރެވޭ ކަން އެނގުނީ. ޔަގީނެއް ނޫން ފަހުން ފޮނުވި 5500 ރުފިޔާގެ ސްލިޕަކީ ރަނގަޅު އެއްޗެއް ކަން ވެސް. ދެން އަހަރެން ވެސް ހިޔެއް ނުކުރާނެ ދޯ މީހަކު ފޮނުވާ ފައިސާ އެއް މީހަކަށް ދީގެން މިހާވަރު ވާނެއެކޭ. މިކަހަލަ ކަމެއް އެހެން މީހަކަށް ދިމާވި ކަން މީގެ ކުރިން އެނގިފައެއް ވެސް ނުވޭ. ދެން މީހަކު ބުންޏަސް މިކަހަލަ ކަމެއް ކޮށް ނުދޭނަން. މިއީ ލިބުނު ވަރަށް ބޮޑު ލަނޑެއް. ފިލާވަޅެއް."
މައުލޫމާތު ދިން މީހާ

އޭގެ ފަހުން ވެސް މެންދުރުފަހު އަނެއްކާ އޭނާގެ އެކައުންޓަށް 5500 ރުފިޔާ ޖަމާކޮށް ކުރިން ގުޅި ނަންބަރުން ސްލިޕެއް ވައިބާއިން ފޮނުވިއެވެ. އެއީ އިސްލާމިކް ބޭންކުން ކުރި ޓްރާންސްފާ ސްލިޕެއް ކަމަށާއި އެއީ ސައްހަ ސްލިޕެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށް އޭނާ ބުނެއެވެ. އޮފީހުގައި ބިޒީކޮށް މަސައްކަތުގައި އުޅެނިކޮށް ކުރިން ގުޅި ނަންބަރުން ދެ ކޯލެއް މިސްވެފައި އޮތްތަން ފެނުނީ ގެއަށް އައި ފަހުން ކަމަށް އޭނާ ބުނެއެވެ. އެމީހާއަށް ގުޅުމުން ބުނީ ކޮއްކޮ ފްލައިޓް ޑިލޭވެގެން ނުފުރުނު ކަމަށާއި ފަހުން ފޮނުވާފައިވާ ފައިސާ ވެސް ނަގާފައި ކޮއްކޮއާ ހަވާލު ކޮށްދިނުމަށެވެ. ނަމަވެސް އެކަން ވާނީ އިރުއޮއްސި 6:30 ގެ ފަހުން ކަމަށް ޖަވާބުގައި ބުނުމުން އަވަސްކޮށް ދިނުމަށް އެމީހާ އެދުނެވެ.

6:30 ވުމާއެކު އަނެއްކާވެސް އެމީހާ ގުޅިއެވެ. އެހެންކަމުން އޭޓީއެމަށް ގޮސް އެކައުންޓަގައި ބާކީ ހުރި ފައިސާ ބަލަން މަސައްކަތް ކުރުމުން އެކަން ނުވި ކަމަށް އޭނާ ކިޔައިދިނެވެ. ދެން ފޯނުން އިންޓަނެޓް ބޭންކިންއަށް ވަދެ ބެލި އިރު، "އެކައުންޓް އިންއެކްޓިވް" ކަމަށް އަރާފައި އިނުމުން ކޮންމެވެސް ގޯހެއް އުޅޭ ކަމަށް ގަބޫލު ކުރެވުނެވެ. އެކަން އޮޅުން ފިލުވުމަށް ބީއެމްއެލަށް ގުޅައި ޖަވާބެއް ނުދިނުމުން މެސެޖް ކުރީ ކަމަށާއި އެކައުންޓަށް ވީ ގޮތް ބެލުމަށް ދެން ދިޔައީ ފުލުސް އޮފީހަށް ކަމަަށް އޭނާ ބުނެއެވެ. ފުލުހުންނާ ހަވާލާދީ އޭނާ ބުނީ، އެކައުންޓް ވަނީ ފްރީޒް ކޮށްފައި ކަމަށާއި ފުލުހުންނަށް ސިތީއަކުން މައްސަލަ ހުށަހެޅުމަށް އެދުނު ކަމަށެވެ. އޭގެފަހުން ބޭންކުން އޭނާ އަށް ގުޅި ކަމަށާއި ބޭންކުން ބުނީ ސްކޭމެއް ކަމަށް ބެލެވޭ ޓްރާންސެކްޝަނެއް ހިނގާފައި ވާތީ އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެކަން ތަހުގީގު ކުރުމަށް ފަހު މައްސަލައެއް ނޫޅޭނަމަ ހައްލުކޮށްދޭނެ ކަމަށް ބޭންކުން ބުނި ކަމަށް އޭނާ ބުނެއެވެ.

އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ

އޭގެ ފަހުން އަނެއްކާ ފުލުހަށް ދިއުމުން، ފުލުހުން ބުނީ މިފަދަ ކޭސްތައް އަންނަ ކަމަށާއި އޭނާ އަކީ ޖިނާއީ އެއްވެސް ކުށެއްގެ ރިކޯޑެއް އޮތް މީހަކަށް ނުވެފައި މައްސަލަަ ބަލައި ނިމުމުން އެކައުންޓް ރަނގަޅު ކުރުމަށް ބޭންކުގައި އެދޭނެ ކަމަށެވެ. އަދި މި ފަދަ މައްސަލަތައް ބައެއް ފަހަރު ހިންގަނީ މީހުންގެ އެކައުންޓުން މަކަރުން ފައިސާ ފޮނުވައިގެން ކަމަށާއި އަދި ޖަލުގައި ތިބޭ މީހުން ވެސް މިފަދައިން މީހުންނަށް ގުޅައި ފައިސާ ފޮނުވާއި އެހެންމީހުން ލައްވައި ނަގާ ކަމަށެވެ.

އޭނާ ބުނީ، މިހާރު މިހުރީ އޭނާގެ އެކައުންޓްގެ މައްސަލަ ފުލުހުން ބަލައި ނިމުމަށް ފަހު އޭނާގެ އެކައުންޓް އެކްޓިވް ވާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ. އެކަން މި މަސް ނިމުމުގެ ކުރިން ވެއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅު ކަމަށާއި އެހެން ނޫނީ ވަންނާނެ ތަނެއް ނެތި މަގުމަތި ވާނެ ކަމަށް އޭނާ ބުންޏެވެ. ކުޑަ ދެކުދިން ގޮވައިގެން އުޅޭ އިރު މި ވަގުތު ހަރަދުތައް ކުރަން ވެސް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، އޭނާއަށް މިވަގުތު އާއިލާ މެންބަރުން އެހީތެރިވަމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް އެންމެންނަކީ ވެސް ލިބޭ ފައިސާއިން ކިރިޔާ އުޅެވޭ ވަރުގެ ބައެއްކަމުން، ކުއްޔަށް ހިފަން ހޯދާފައި ހުރި ތަނަށް ފައިސާ ދެއްކެން އޮތީ އެކައުންޓް އެކްޓިވްވެގެން ކަމަށް އޭނާ ބުނެއެވެ.

މިއީ މިފަދަ މައްސަލަ އެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މިފަދަ ފައިސާގެ ޓްރާންސެކްޝަންތައް ހިނގައިގެން އެތައް ބަޔަކަށް ލަނޑު ލިބިފައި އެބަހުއްޓެވެ. އެހެންކަމުން މި ވާހަކައަކީ އެންމެންގެ ސަމާލުކަމަށް ގެނެސް ބޮޑު ގެއްލުމެއް މީހަކަށް ވެދާނެ ފަދަ ކަންކަމަށް ވުމުން އާންމުން ހޭލުންތެރި ކުރުވަން ވިޔަސް ދައްކަން ޖެހޭ ވާހަކައެކެވެ.

ނުދަންނަ ނަންބަރުތަކުން މީގެ ކުރިން ގުޅައި ބޭންކުން ކަމަށް ބުނެ އާންމުންގެ އަތުން މަކާރާއި ހީލަތުން ފައިސާ ހޯދާ ފަދަ މައްސަލަތައް ވެސް ދިމާވެފައި އެބަހުއްޓެވެ. އެފަދަ މައްސަލަަތައް އާންމުވަމުން އަންނާތީ ބީއެމްއެލުން ވަނީ ބޭންކުން ގުޅައިގެން އެކައުންޓްގެ މައުލޫމާތު ނުހޯދާނެ ކަމަށް ބުނެ އާންމުން ހޭލުންތެރި ކުރުމަށް ކެމްޕެއިންތަކެއް ހިންގާފައެވެ. އެހެންކަމުން މި ހާދިސާ ދިމާވި މީހާ ކިޔައިދިން ގޮތާ އެއްގޮތަށް ކަމެއް ހިނގާ ކަމަށް ބެލެވޭ ނަމަ އެފަދަ މުއާމަލާތެއް ހެޔޮއެދިގެން ވެސް ކޮށް ދިނުމުން ދުރުވާން ޖެހެއެވެ. މި ޒަމާނަކީ ނަގުދު ފައިސާ ނަގައިގެން ގެންގުޅޭ ޒަމާނެއް ނޫން ކަމުން އެކައުންޓެއް ފްރީޒް ކޮށްލައިފި ނަމަ، ދަތިވެ ހާލުގައި ކޮންމެ މީހަކު ވެސް ޖެހިދާނެކަމަށް ބަލައިގެން އުޅެން ޖެހެއެވެ.