މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ޝާ އަލޮމް މިއާގެ މައްޗަށް އަންނަ މަހު 7 ވަނަ ދުވަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޝާ އަލޮމް މިއާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން މަހްމޫދުގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ ވާރިސުން ސާބިތު ކުރުމުގެ ގޮތުން ދަނގެތީގެ ދެ މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފައިވާއިރު އެ ދެ މީހުން ވެސް ބުނީ މަހްމޫދުގެ ވާރިސުންގެ ގޮތުގައި ތިބީ ފަސް ކުދިންނާއި އޭނާގެ މަންމަ ކަމަށެވެ.
ގާޒީ ޝަކީލް ވިދާޅުވީ ވާރިސުންގެ ބަސް މިއަދު ނަގަން މަސައްކަތް ކުރިޔަސް، ބައެއް ވާރިސުން ކަރަންޓީންގައި ތިބުމުން އެކަން ފަސްކުރަން ޖެހިފައިވާ ކަމަށާއި އެހެންކަމުން ދެން އޮންނަ އަޑުއެހުމުގައި ވާރިސުންގެ ބަސް ހޯދުމަށް އަންނަ މަހުގެ ހަތް ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ފަހު އެ ދުވަހު ޝާ އަލޮމް މިއާގެ މައްޗަށް ހުކުމް އިއްވާނެ ކަމަށެވެ.
މި މައްސަލައިގާ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ މަހުމޫދު މަރާލީ ޝާ އަލޮމް.މިއާކަން ސާބިތުވެއްޖެ ކަމަށް ކަނޑައަޅާފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 14 ގައި އިހާނެތި ގޮތަކަށް އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު މަރާލީ ޝާ އަލޮމް މިއާކަމަށް އޭނާ އިއުތިރާފުވި ކަމުގައިވީ ނަމަވެސް މިއަދު ވެސް ދައުލަތުން ވަނީ އިއުތިރާފް ވިޔަސް އޭނާއާ ދެކޮޅަށް ހެކި ހުށަހަޅަން ބޭނުން ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އިއުތިރާފަށް ވުރެ ވަރުގަދަ ހެއްކެއް އޮންނާނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ވެސް އޮންނަނީ އިއުތިރާފް ވުމުން އަވަހަށް މައްސަލަ ނިންމަން ކަމަށެވެ. އެހެންކަމުން ހެކި ހުށަހަޅަން ފުރުސަތު ނުދޭން ގާޒީ ޝަކީލް ވަނީ ނިންމަވާފައެވެ.
މީގެ ކުރިން މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، މި މަހު 19 ވަނަ ދުވަހު ވެސް ދައުލަތުން ވަނީ ހެކިން ކޯޓަށް ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދަން އެދިފައެވެ.
މަހްމޫދު މަރާލީ ޝާ އަލޮމް މިއާ ކަން އިތުރަށް ސާބިތު ކުރަން މިއަދު މަހްމޫދުގެ ފޮޓޯއެއް ދައްކާފައި ސާލިމްއާއި ސުވާލު ކުރަން ދައުލަތުންނާއި ދިފާއުން ވެސް އެދިވަޑައިގަތެވެ. އަދި ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި އިން މަހްމޫދުގެ ފޮޓޯއެއް ދައުލަތުން ދެއްކުމުން ޝާ އަލޮމް މިއާ ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށާއި އެހެންނަމަވެސް މަހްމޫދު އޭރު މާ ކަޅު ކަމަށް ބުނެފައެވެ. އަދި އިތުރަށް ޔަގީން ކުރަން ދައުލަތުން ވަނީ މަހްމޫދުގެ އައިޑީ ކާޑުގައި އިންނަ ފޮޓޯ ދައްކައިފައެވެ. ސާލިމް ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށާއި އެއީ ކާކު ކަން އެނގޭތޯ ސުވާލުކުރުމުން ސާލިމް ބުނީ މަހްމޫދުގެ ނަން ވެސް ސާލިމްއަށް ރަނގަޅަށް ނޭނގޭ ކަމުގައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފުވެފައެވެ.