މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ޝާ އަލޮމް މިއާގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 14 ގައި އިހާނެތި ގޮތަކަށް އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު މަރާލީ ޝާ އަލޮމް މިއާކަމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކަނޑައެޅުމުގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝާ އަލޮމް މިއާ ކުށަށް އިއުތިރާފްވީ ނުފޫޒެއް ނެތި ތޯ ސުވާލު ކުރައްވައިފައެވެ.

މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއަށް ވެސް ޝާ އަލޮމް މިއާ އެއްބަސްވިއެވެ. އެހެންކަމުން ކޯޓުން ކަނޑައެޅީ އެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ މިއަދު އެ މައްސަލައިގައި ހިމެނޭ ވާރިސުން ޔަގީން ކުރުމަށް ދަނގެތީ ކޯޓަށް ހެކިން ހާޒިރުކޮށް ހެކިބަސް ނަންގަވާނެ ކަމަށާއި ނަމަވެސް ވާރިސުންގެ ބަސް ނެގޭނީ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހު 19 ވަނަ ދުވަހު ބާއްވައިފާވާއިރު، އެ ދުވަހު ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފުވެފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި ބުނެފައިވަނީ، މަހުމޫދުގެ ބޮލުގެ ތިން ތަނަކަށާއި ހަށިގަނޑުގެ އެތަން މިތަނަށް އަނިޔާ ދީފައިވާ އިރު، ގާތްގަނޑަށް 30 ތަނަކަށް އަނިޔާ ދީފައިވާ ކަމަށެވެ. މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހުމޫދަށް ހަމާލާދީފައި ކަމަށާއި އަދި އެރޭ 2 އާއި 3 އާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗަކަށް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.