އޭސީސީއަށް މެންބަރުން އައްޔަނުކުރުން އަވަސްކުރަން ސަރުކާރުން ބޭނުންނުވާ ކަމަށާއި، ސަރުކާރުގެ ކޮރަޕްޝަން ބެލޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
އޭސީސީގެ ބޯޑު އެއްކޮށް ހުސްވެފައި ވަނީ މިދިޔަ މަހު، އެ ކޮމިޝަނުގެ މެންބަރުން ވަކިކުރަން ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނިކޮށް ބާކީ ތިބި މެންބަރުން ކަމަށްވާ އެ ކޮމިޝަނުގެ ރައީސް މަރިއަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ.
އެއާއެކު، ސަރުކާރުން ވަނީ އޭސީސީގެ ބޯޑަށް ކުރިމަތިލުމަށް މިމަހުގެ ފަސްވަނަ ދުވަހު އަލުން ހުޅުވާލާފައެވެ.
ޑިފެންސް މިނިސްޓަރު މާރިއާ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވައި، އެމްއެންޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އުޝާމް ވިދާޅުވީ، ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން އޭސީސީ ގާނޫނީ ހުސްކަމަކަށް ދުއްވާލާފައިވާ ކަމަށާއި، އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމަށް ސަރުކާރުން އަވަސްކުރަން ބޭނުންނުވާ ކަމަށެވެ.
"މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް." އުޝާމްގެ ޓްވީޓުގައި ވެއެވެ.
މާރިއާ ކުރެއްވި ޓްވީޓުގައި ވަނީ، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭ ނަމަ އޭސީސީއަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައެވެ. މާރިއާ މިހެން އެދިވަޑައިގަތް ނަމަވެސް، އޭސީސީ އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ
އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހުއެވެ. އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށްވެސް އެ އޮޑިޓުގައި ވެއެވެ.