ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާ، ހިދުމަތް މެދު ނުކެނޑޭނެ ކަމަށް، ސްރީލަންކާގެ ކަރަންޓާ ބެހޭ ވަޒީރު ގަމިނީ ލޮކުގެ ވިދާޅުވެއްޖެއެވެ.

ކަރަންޓާ ބެހޭ ވަޒީރު މިކަން ހާމަ ކުރައްވާފައި ވަނީ، ރައީސް ގޮތަބާޔާ ރާޖަޕަކްސައާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކަކަށް ފަހުގައެވެ. މި މޭރުމުން ލޮކުގެ ވިދާޅުވީ، ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ ހަކަތައިގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކާ، ކަރަންޓުގެ ހިދުމަތް މެދުކަނޑާ ނުލާ ކުރިއަށް ދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ރައީސް އިރުޝާދު ދެއްވާފައި ވާ ކަމަށެވެ.

މި ދުވަސްވަރަކީ ސްރީލަންކާއަށް ހަކަތަ ލިބުން ދަތިވެ، ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަމުންދާ ދުވަސްވަރަކަށް ވާ އިރު، ރައީސްއާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ކަރަންޓާ ބެހޭ ވުޒާރާގެ އިތުރުން، ހަކަތައާ ބެހޭ ވުޒާރާގެ އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސްއާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކުގެ ތަފްސީލު ދެއްވަމުން ސްރީލަންކާގެ އެނާޖީ މިނިސްޓަރު އުދައްޔާ ގައްމަންޕިލާ ވިދާޅުވީ، ހަކަތައިގެ ސަޕްލައި ހިފައިގެން ބަނދަރުކޮށްފައި ވާ 2 ޓޭންކަރު ކްލިއާ ކުރުމަށް ދިމާވެފައި ވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް، މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ގޮތަބާޔާ ރާޖަޕަކްސަ އިރުޝާދު ދެއްވާފައި ވާ ކަމަށެވެ.

ގައްމަންޕިލާ ވިދާޅުވީ ސިލޯން އިލެކްޓްރިސިޓީ ބޯޑަށް ބޭނުންވާ ހަކަތައިގެ ސަޕްލައި ކްލިއާ ކުރުމަށް ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ.

ބަނދަރުގައި އޮތް 2 ޓޭންކަރުގައި ހުރި ސަޕްލައިއަށް ބަލާއިރު، 8 ދުވަހުގެ ޑީސަލް އަދި 6 ދުވަހުގެ ޕެޓްރޯލް ހުންނާނެ ކަމަށް ގައްމަންޕިލާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ އިލެކްޓްރިސިޓީ ބޯޑުން ދެމުންދާ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަމުން ދަނީ ޑޮލަރު ލިބުން ދަތިވެ، ހަކަތައިގެ ސަޕްލައި ހޯދޭނެ މަގުތައް ބަންދުވުމުގެ ސަބަބުންނެވެ. މިހާރުވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކަނޑަމުން ދާ އިރު، މާޗް 2021ގެ ނިޔަލަށް ބޮޑު ލޯނެއް ނުލިބިއްޖެނަމަ 4 ގަޑިއިރަށްވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތުން ވަނީ ދީފައެވެ.