ނ. ލަންދޫގައި އަންހެނަކަށް ގެވެެށި އަނިޔާކޮށް، މަރާލަން މަސައްކަތް ކުރި އޭނާގެ ފިރިމީހާ ބަންދުކޮށްފައި ހުއްޓައި ބަންދުން ދޫކޮށްލަން ލަންދޫ ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

މިދިޔަ އަހަރު ކުރީ ކޮޅު، ހިތްފަސޭހަގެ، ނ. ލަންދޫ، އަހްމަދު އިނާޒް އޭނާގެ އަންހެނުންނަށް އަނިޔާކޮށް، އޭނާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި އެ ރަށު ކޯޓުން ވަނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުނު ފަހުން އިނާޒް ވަނީ އަންހެން މީހާ ދިރިއުޅުނު ގެއަށް ގޮސް އެ އަމުރު ވީދާލާފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ފަހުން ދައުވާ ކުރި އިރު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ނިންމިއެވެ. އަދި ބަންދު މުރާޖައާ ކުރަން ލަންދޫ ކޯޓުގައި މި މަހުގެ 2 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ވަނީ އޭނާ ދޫކޮށްލަން ނިންމާފައެވެ. އެހެންކަމަުން އެ ނިންމުން އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނިންމީ ލަންދޫ ކޯޓުން އިނާޒްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމަށް އުޅުމުގެ ދައުވާ އުފުލާފައިވާ އިރު، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލަން ލަންދޫ ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެއެވެ،

ލަންދޫ ކޯޓުން އޭނާ ބަންދު ކުރި އަމުރުގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި މީގެ ކުރިން އޭނާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތަށް ރައްކާތެރިކަން ނެތްކަން އެނގެން އޮތުމުންނާއި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން އޭނާ ބަންދު ކުރަން ފެންނަ ކަމަށެވެ. ލަންދޫ ކޯޓުން އޭނާ ދޫކޮށްލަން ނިންމި ނިންމުމުގައި އަލި އަޅުވާލާފައިވާ ސަބަބުތަކަށް ބަލާއިރު، މައްސަލަ ދިމާވި ދެމަފިރިންގެ ދެމެދުގައި ކަމަށް ވެފައި އެ ދެ މީހުން މިހާރު ވަރިވެފައި ތިބުމުން މީގެ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތުމުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ބުނެފައި ވެއެވެ. އަދި ލަންދޫ ކޯޓުން އެގޮތަށް ނިންމި އިރު އޭނާ ދޫކޮށްލީ ހެކިންނާ ވާހަކަ ނުދެއްކުމަށާއި މާލެއިން އޭނާ ދިރިއުޅޭ ރަށަށް ނުދިއުމަށް ޝަރުތުކޮށެވެ.

ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، އޭނާ ބަންދުން ދޫކޮށްލި އިރު، ކުރިން ޝަރީއަތް ނިމެންދެން ބަންދު ކުރި ސަބަބު ފިލައިދިޔަ ގޮތެއް ލަންދޫ ކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތް ކަމުގެ ބާރު ލިބޭ އެއްވެސް ސަބަބެއް އެ އަމުރުގައި ފާހަގަކޮށްފައި ނެތުމާއި އަނިޔާ ލިބުނު ފަރާތަށް މިހާރު ރައްކާތެރިކަން އޮތް ގޮތް ވެސް ބުނެފައި ނުވާތީ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެއެވެ.

އެހެންކަމުން ފަނޑިޔާރު ޝަފީއު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި، ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ހުސެއިން މަޒީދުގެ އިއްތިފާގުން ނިންމީ ލަންދޫ ކޯޓުން އޭނާ ދޫކޮށްލި އަމުރު ބާތިލު ކުރާ ގޮތަށެވެ.